މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:25 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެންނެވެ. ހާދިސާ ހިނގި ވަގުތު އެ ބޯޓުގައި ކްރޫންގެ އިތުރުން ފަތުރުވެރިން ވެސް ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ، ފަސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާއެކު ބޯޓުން ވަނީ ބާލާފައެވެ.
ހާދިސާއާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކަން ހިނގުމާއެކު އެ ކުންފުނީގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި، ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށެވެ.
މިކަމާ ގުޅިގެން ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ފަސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާއެކު ހުސްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ.