"ރިސްކް އެނާލިސިސް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އެނގޭ ގޮތުގައި، ކާބޯތަކެތީގައި ހުންނަ އީޑީސީ ނުވަތަ ހޯމޯންގެ ނިޒާމަށް ބުރޫއަރުވާ ކެމިކަލްތަކާމެދު އާންމުން ކުރާ ކަންބޮޑުވުން، ކޮސްމެޓިކްސްގެ އުފެއްދުންތަކުގައި ހުންނަ ކެމިކަލްތަކަށްވުރެ ނިސްބަތުން މާ ބޮޑެވެ.
މި ދިރާސާގައި ބުނެފައިވަނީ، މޭކަޕްކުރުމަށާއި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ކޮސްމެޓިކްސް ތަކެތީގައި ހުންނަ އީޑީސީ ކެމިކަލްތަކަށްވުރެ، ބޯފެނާއި ކާބޯތަކެތީގައި ހުންނަ މިފަދަ ކެމިކަލްތަކާމެދު އާންމުން މާބޮޑަށް ބިރުގަންނަ ކަމަށެވެ. ނަމަވެސް، ސިއްހީ ނަޒަރަކުން ބަލާއިރު، ކާބޯތަކެތިންނާއި ކޮސްމެޓިކްސްގެ އުފެއްދުންތަކުން ސިއްހަތަށް ލިބޭ ނުރައްކާ އެއްވަރު ކަމަށް ދިރާސާވެރިން ފާހަގަކޮށްފައި ވެއެވެ.
ގިނަ ގައުމުތަކެއްގެ އާންމުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ހާމަވި ގޮތުގައި، ކޮސްމެޓިކްސް އަދި ކާބޯތަކެތީގެ މާހައުލުގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ސިއްހަތަށް އެއްވަރެއްގެ ނުރައްކަލެއް ކުރިމަތިވިނަމަވެސް، އާންމުންގެ ސަމާލުކަމާއި ބިރުވެރިކަން މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ އެތެރެހަށްޓަށް ފޮނުވާލެވޭ ކާބޯތަކެއްޗަށެވެ. މި ދިރާސާގެ ސަބަބުން ކެމިކަލްތަކުގެ ނުރައްކަލާމެދު އާންމުން ދެކޭގޮތާއި، އެކަމާ މެދު ހޭލުންތެރިކަން ހުރި މިންވަރު ސާފުވެގެންގޮސްފައިވާކަމަށް ދިރާސާގައި ބުނެފައިވެއެވެ.