ads
ހަނގުރާމަމަތީ ހުނަރުތައް ދަސްކޮށްދޭން އީރާނުގައި އަންހެނުންގެ އާ ކޭމްޕެއް ހުޅުވުން
ހަނގުރާމަމަތީ ހުނަރުތައް ދަސްކޮށްދޭން އީރާނުގައި އަންހެނުންގެ އާ ކޭމްޕެއް ހުޅުވައިފި
ސަރަހައްދީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމާ އެކު ކުރިމަތިވެދާނެ އަސްކަރީ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން، އާންމު އަންހެނުންނަށް ހަނގުރާމަމަތީ ހުނަރުތަކާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭ ހާއްސަ ކޭމްޕެއް އީރާނުގެ ވެރިރަށް ތެހެރާންގެ އާޒާދީ މައިދާނުގައި ހުޅުވައިފި އެވެ.
Advertisement

މި ކޭމްޕަކީ އީރާނުގައި ކުރިއަށްގެންދާ "ޖަންފަދާ" ނުވަތަ ގައުމަށްޓަކައި ގުރުބާންވުމުގެ ގައުމީ ހަރަކާތުގެ ދަށުން ހުޅުވި ތަނެކެވެ. މިއީ ގައުމަށް ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަޔާއި ދިފާއީ ކަންކަމުގައި އާންމު ރައްޔިތުން، ހާއްސަކޮށް އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށް ތައްޔާރު ކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫއެއްގެ ބައެކެވެ.

އާޒާދީ މައިދާނުގައި ގާއިމުކޮށްފައިވާ މި މަރުކަޒުގައި އަންހެނުންނަށް ތަމްރީނު ދެނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އޮފިޝަލުންނެވެ. މި ތަމްރީނުތަކުގެ ތެރޭގައި ރައިފަލާއި ސްނައިޕާ ފަދަ ލުއި ހަތިޔާރު ބޭނުންކުރުމާއި، ހަނގުރާމައިގެ މައިދާނުގައި ބޭނުންވާ މެޑިކަލް ފަރުވާއާއި ފުރަތަމަ އެހީ ދިނުން ހިމެނެއެވެ. މީގެ އިތުރުން ޑްރޯން އޮޕަރޭޓްކުރުމާއި، އުސް އިމާރާތްތަކުން ވާ ބޭނުންކޮށްގެން ފޭބުމާއި ޒިޕްލައިން ކުރުން ފަދަ އުނދަގޫ ހަރަކާތްތައް ވެސް ދަސްކޮށްދެއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، މިފަދަ ތަމްރީނު މަރުކަޒެއް ހުޅުވީ ގައުމަށް އަތުވެދާނެ ބޭރުގެ ހަމަލާތަކަށާއި އެއްގަމު މަގުން ކުރިމަތިވެދާނެ އަސްކަރީ ނުރައްކާތަކަށް ރައްޔިތުންގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމުގެ ބޭނުމުގައެވެ. އަދި މިއީ ސަރަހައްދީ ފެންވަރުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދިފާއީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރަސްމީ އިދާރާތަކުން ހާމަކުރި ގޮތުގައި، ގައުމީ ފެންވަރުގައި ހިންގާ މި ދިފާއީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އީރާނުގެ އެތައް މިލިއަން ރައްޔިތުން މިހާރު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މި ހަރަކާތުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ސިފައިންނަށް އެހީތެރިވެދިނުމާއި، ލޮޖިސްޓިކްސް އަދި އެމަޖެންސީ ހިދުމަތްތައް ދެމެހެއްޓުމުގައި އާންމުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް