ސިވިލް ކޯޓުން އިއްޔެ ނިންމި ހުކުމުގައިވާ ގޮތުން، މި މައްސަލައަކީ އެމްއައިބީން ދޫކުރި 500,000 އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކާ ގުޅިގެން ފައިސާ ނުދައްކައިގެން ބޭންކުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. މި ފައިސާ ދެއްކުމަށް ދައުވާކޮށްފައިވަނީ ކަމާގުޅޭ ދެ ކުންފުންޏަކާއި، އެ ފެސިލިޓީއަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށެވެ. އޭގެ ތެރޭގައި މެންބަރު ޝަމްހީދު ހިމެނެއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ފެސިލިޓީގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ތެރެއިން 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސްކުރުމަށެވެ. އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ހުކުމާއެކު މެންބަރު ޝަމްހީދުގެ މަޖިލިސް ގޮނޑިއާމެދު ސުވާލު އުފެދެނީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތުގެ ސަބަބުންނެވެ. އެ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަނި ކޯޓުގެ ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު މެންބަރުކަމުން ވަކިވާނެއެވެ.
އެހެންކަމުން، ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުކުމާ އެއްގޮތަށް އެމްއައިބީގެ ދަރަނި އަދާނުކޮށްފިނަމަ، ނުވަތަ އެ ފައިސާ ދެއްކުމުގައި އިހުމާލުވެއްޖެ ހާލަތެއްގައި، ޤާނޫނުއަސާސީގެ ދަށުން ޝަމްހީދުގެ މެންބަރުކަމުގެ ޝަރުތު ގެއްލި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑެވެ.
މެންބަރު ޝަމްހީދު ހިމެނޭހެން މި ހުކުމް އައިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި އޭނާ ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.