ޑރ. ޝަމްހީދާއި އެހެން ހަތަރު މީހަކު ގެރެންޓީ ދީގެން ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ނަގާފައިވާ 500،000 (ފަސްލައްކަ) ޑޮލަރުގެ ލޯނަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން އެ ލޯނުގެ ނުދައްކާ އޮތްބައި ދައްކަން ސިވިލް ކޯޓުން ވަނީ މިދިޔަ އަންގާރަދުވަހު ހުކުމްކޮށްފެ އެވެ.
އެގޮތުން ލޯނުގެ ނުދައްކާ އޮތް 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، (ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ) ކުރިއަށް އޮތް ހަ މަސް ދުބަހުގެ ތެރޭގައި ދައްކަން ޝަމްހީދު ހިމެނޭހެން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މިކަމާއި ގުޅިގެން ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާއެކު ވިޔަފާރިކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް، ކުންފުނި ހިންގުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ކުންފުނީގެ ހިންގުމާ ދުރުގައި އޭނާ ހުންނަވާތާ މިހާރު ހަތް އަހަރު ވެދާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ލޯނަށް ފައިސާ ނުދައްކާކަން އެނގުމުން އެކުވެރިން ގާތުގައި ތަކުރާރުކޮށް އެ ފައިސާ ދައްކާ ނިންމަން ބުނިކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި އަމިއްލަ ހައިސިއްޔަތުން މިހާތަނަށްވެސް ފައިސާ ދައްކަމުން އަންނަކަމަށްވެސް ޗަމްހީދި ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ އެ ލޯނަކީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫންކަމަށެވެ. އެހެންނަމަވެސް ކޯޓުގެ ހުކުމާއި އެއްގޮތަށް ލޯނަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރާނެކަަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ.