އައިލެންޑް އޭވިއޭސަނުން ގެޒެޓުގައި ސާއިއުކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މި މަސައްކަތާ ގުޅިގެން ކޮށްފައިވާ އިއުލާނު ވަނީ ބާތިލުކޮށްފައެވެ. އަދި މި މަސްރޫއުގެ ޑިޒައިނިންގ އަދި ކޮންސަލްޓެންސީ މަސައްކަތްތައް ކުރުމަށް ސަރުތުހަމަވާ، ތަޖުރިބާކާރު ކުންފުނިތަކަށް ސައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފުރުސަތު މިހާރު ވަނީ އަލުން ހުޅުވާލާފައެވެ.
މި ފުރުސަތުގައި ސައުގުވެރިކަން ފާޅުކުރަން އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އީއޯއައި ފޯމު ހުސަހެޅުމުގެ އެންމެ ފަހު ތާރީހަކީ 17 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
އީއޯއައި ހުސަހަޅަންޖެހެނީ އައިލެންޑް އޭވިއޭސަންގެ ޕްރޮކިއުމަންޓް އީމެއިލް މެދުވެރިކޮށެވެ. އައިއޭއެސްއެލް އިން ފާހަގަކޮށްފައިވާ ގޮތުގައި، މި މަސްރޫއަށް ޕްރޮޕޯސަލް ހުސަހެޅުމުގެ ފުރުސަތު ދެވޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
މި މަސައްކަތާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓާއި، އީއޯއައި ފޯމުގެ އިތުރުން ޑްރޯއިންގ ގައިޑްލައިންތައް ސަރުކާރުގެ ގެޒެޓުގައި ސާއިއުކޮށްފައިވާ އިއުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.