އދ. ގެ ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އިން އިންތިޒާމުކޮށްގެން ބޭއްވި "ސީ-ލެވެލް ރައިޒް: މަލްޓި-ލެވެލް އެކްޝަން ފޮރ ކޯސްޓަލް ރެސިލިއަންސް" ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ތަރައްޤީއަށް އޮތް ބޮޑު ގޮންޖެހުމެއްގެ އިތުރުން، ރާއްޖޭގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ އަމިއްލަ ވަޒަން ދޫކޮށް ދާން ނުޖެހޭނެކަން ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ. އެގޮތުން ގޮނޑުދޮށްތަކާއި ފަރުތަކާއި ކުޅިތަކަކީ ރަށްރަށުގެ އެންމެ ބޮޑު ދިފާއުއަށްވާއިރު، އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި މާލީ އެހީ ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް ޒަމާނީ ސަަހަރުތައް ބިނާކުރަމުންދާކަމަށެވެ.
ތަރައްގީވެފައިވާ ރާއްޖެއެއް ވާންޖެހޭނީ ވިލުންތެރި ރާއްޖެއަކަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިފައިވާ ނާޒުކުކަމަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ބާރުވެރިކަން އޮތްކަމަކަށް ވިޔަދީގެންނުވާނެކަމަށެވެ.
މި އަމާޒު ހާސިލުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަަމައުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދިނުން އިތުރުކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ އެހީއަކީ އެކަށީގެންވާ މުނާސަބު އެހީއަކަށް ހަދަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. ތަރައްގީވަމުން އަންނަ ގައުމުތައް މޫސުމީ ބަދަލުތަަކަށް ހޭނުމަށް ފައިސާ ދޭންވާނީ ހިލޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ސަދަގާތެއް ނޫންކަމަަށާއި، އެއީ މޫސުމީ ބަދަލުތަކާ ގުޅޭ އަދުލުވެރިކަން ކަމަށެވެ.