އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކޮންގްރެސް ތަރުޖަމާނު އައްބާސް ހަފީޒް މި ނޯޓިސް ފޮނުވާފައިވަނީ ކަރީނާގެ އިތުރުން އޭނާގެ ސްޓައިލިސްޓް ރިއާ ކަޕޫރަށެވެ.
މި މައްސަލަ އުފެދިފައިވަނީ ދީވާލީއާ ގުޅިގެން ކަރީނާ ކަޕޫރު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކެއްގައި އޭނާ އަޅައިގެން ހުރި ފަށު ފުލެއްގެ ސަބަބުންނެވެ. އެ ފަށު ފުލުގައި ގުރުއާނުގެ އާޔަތެއް ލިޔެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.
އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައްބާސް ހަފީޒް ފޮނުވި ގާނޫނީ ނޯޓިސްގައި ވަނީ އެ ފަށު ފޫ އަޅައިގެން ނަގާފައިވާ ހުރިހާ ފޮޓޯއެއް ސޯޝަލް މީޑިއާއިން ވަގުތުން ނެގުމަށް ޑިމާންޑް ކޮށްފައެވެ. އަދި މި އަމަލުގެ ސަބަބުން މުސްލިމުންގެ ދީނީ އިހުސާސްތަކަށް އުނިކަން ލިބިފައިވާތީ، ކަރީނާ އާންމުކޮށް މާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެއެވެ.
ގުރުއާނުގެ އާޔަތެއް ލިޔެފައިވާ ފަށުފުލާއެކު ކަރީނާ
ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ އެއް ބަތަލާއަށް ވާއިރު، އޭނާގެ ފެޝަން އަދި ސްޓައިލްތަކަށް އަބަދުވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެއެވެ. ނަމަވެސް މިފަހަރުގެ ދީވާލީ ހެދުމާއެކު ބޭނުންކުރި ގަހަނާގެ ސަބަބުން އޭނާ މިވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ.
މި މައްސަލައާ ގުޅިގެން ކަރީނާ ކަޕޫރު ނުވަތަ އޭނާގެ ސްޓައިލިސްޓް ރިއާ ކަޕޫރު އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.