އިންޓަނޭޝަނަލް ސެންޓަރ ފޯ ރޭޑިއޯ އެސްޓްރޮނޮމީ ރިސާރޗް (އައިސީއާރްއޭއާރް) ގެ އެސްޓްރޮނޮމަރުން ވަނީ ކާއިނާތުގެ ތެރެއިން އަންނަ މި ނުދަންނަ ކޮސްމިކް ރޭޑިއޯ ސިގްނަލްތައް ކާމިޔާބުކަމާއެކު ޓްރެކްކޮށް، އެ ސިގްނަލްތައް އުފެދެމުންދާ މަންޒިލް ހޯދާފަ އެވެ.
އައިސީއާރްއޭއާރް ގެ އެސްޓްރޮނޮމަރުން ކުރި ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ކޮންމެ އަށް މިނެޓަކުން ތަކުރާރުވާ މި ރޭޑިއޯ ސިގްނަލްތައް ގުޅިފައިވަނީ ވަރަށް ނާދިރު ބައިނަރީ ސިސްޓަމަކާއެވެ. މި ބައިނަރީ ސިސްޓަމް އެކުލެވިގެންވަނީ މަރުވެފައިވާ ވައިޓް ދުވާފް ތަރިއަކާއި، އަހަރެމެންގެ އިރާ އެއްގޮތް ސިފަތަކެއް އެކުލެވޭ ތަރިއެއްގެ މައްޗަށެވެ. މި ނިޒާމުގައި މަރުވެފައިވާ ވައިޓް ދުވާފް ތަރި ދަނީ އިރާ އެއްގޮތް ތަރީގެ ވަށައިގެން ދައުރުކުރަމުންނެވެ.
މި މުހިންމު ހޯދުމުގެ ސަބަބުން ތަރިންގެ މެދުގައި ހިނގާ ނާދިރު މެގްނެޓިކް އިންޓަރެކްޝަންތަކާ ނުވަތަ ތަރިންގެ މެގްނެޓިކް ގުޅުންތަކާ ބެހޭގޮތުން އިތުރު އަލިކަމެއް ވަނީ ލިބިގެންގޮސްފަ އެވެ. އައިސީއާރްއޭއާރް ގެ ފަލަކީ އިލްމުވެރިންގެ މި ހޯދުމަކީ ކާއިނާތުގައިވާ ތަރިންގެ ނާދިރު މެގްނެޓިކް އިންޓަރެކްޝަންތައް އިތުރަށް ދެނެގަތުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.