އޮޑިޓް އޮފީހުން މިދިޔަ ހޯމަ ދުވަހު އާންމުކުރި، ހައުސިން މިނިސްޓްރީގެ 2018 އިން 2023 އަށް ނެރުނު އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޝްރޫއަށް އެޑްވާންސްގެ ގޮތުގައި ކުރީގެ ސަރުކާރުން 65.99 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ނަމަވެސް، އޭގެ ތެރެއިން މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިވަނީ އެންމެ 6.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ 90 ޕަސެންޓް އަދިވެސް އަނބުރާ ލިބިފައެއް ނުވެ އެވެ.
ކުޅުދުއްފުށީގައި 1،000 އަކަފޫޓުގެ މި ހައުސިން ޔުނިޓުތައް 11 ބުރިއަށް އިމާރާތްކުރަން ޖުލައި 2022 ގައި ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ވެންޗާ ކުންފުންޏެއް ކަމަށްވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ. ދޮންބޭޒް ކުންފުންޏަކީ ފުވައްމުލަކު އުތުރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ރަޝީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 439.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނަމަވެސް، އިމާރާތްތަކުގެ ތަނބުތައް އެޅުމަށްފަހު މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށްފަހު، އެއްބަސްވުން ބާތިލުކުރިއިރު ނިމިފައިވަނީ މުޅި މަޝްރޫއުގެ 18.74 ޕަސެންޓް މަސައްކަތެވެ. އެހެންވެ އެ އެއްބަސްވުން މިދިޔަ އަހަރު އުވާލުމަށްފަހު، އެ މަސައްކަތް ނިންމަން އޮގަސްޓް 2025 ގައި ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި އެޗްޑީސީން ވަނީ ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.
އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެއް އަނބުރާ ނުހޯދުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެކެވެ. އެހެންކަމުން، މި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ ކަމާބެހޭ ފަރާތްތަކަށް ލަފާދީފަ އެވެ.