ads
ނަރުދޫ--
ނަރުދޫގެ ރައްޔިތުންގެ ޝުކުރު މުޅި އަތޮޅަށް!
ށ. އަތޮޅު އެހެން ރަށްތަކުގެ އެހީތެރިކަމުގެ ނަމޫނާއިން ބުނެދެނީ ނަރޫދޫ ހާލުގައި ޖެހުނަކަ ނުދޭނެ ކަމާއި ގާތުން އެރަށުގެ ހާލަތު ބަލަމުން އަންނަ ކަމެވެ.
Advertisement

ނަރުދޫ އަމާޒު ބޯޓު ކައްޕި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެރަށް ފުރަ ބަންދުކުރެވި ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވުނެވެ. އެގޮތުން ގެއިން ބޭރަށް ނުކުތުމާއި ރަށަށް އަރާ ފޭބުން މަނާކުރެވުނެ އެވެ.

ނަތީޖާއަކަށްވީ މާލެ ދަތުރުކުރާ ހަމައެކަނި ބޯޓު މޮނިޓަރިންގެ ހާލަތަށް ގެނުވުމާއެކު ރަށަށް ކާބޯތަކެތި ގެންނަ ދޮރު ބަންދުވުމެވެ. ރަށުން ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރުމަތިވެ އެހެން ރަމަޟާން މަސް ތަކާއި ހިލާފަށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ސާމާނު ރަށުން ނުލިބި ދަތިތައް ކުރިމަތިވި އެވެ. އެރަށަކީ މަސްވެރި ރަށެއް ނޫން ކަމުން އަބަދުވެސް ބަރޯސާވެފައި އޮންނަނީ ކައިރި ރަށްރަށުގެ މަސް ދޯނިފަހަރަށެެވެ. އެކަމަކު މުޅި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު އެ ދޮރު ވެސް ބަންދުވީ އެވެ.

ކޮންމެއަކަސް އެދަތިކަމުގައި އުޅެމުން އައި ނަރުދޫގެ ރައްޔިތުންގެ ހިތްދަތިކަމަށް ނިމުމެއް ލިބުނީ އަތޮޅުގެ ރަށްތަކުން ކާބޯތަކެތީގެ އެހީއާއެކު އޮޑިދޯނި ފަހަރު ރަށަށް ގާތްކުރަން ފެށުމާއެކު އެވެ.

މާޔޫސް ކަމާއި މޮޅިވެރިކަމުގައި ތިބި ނަރުދޫގެ ރައްޔިތުންގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން އެންމެ ފުރަތަމަ ގެނުވީ ށ. ގޮއިދޫގެ ރައްޔިތުންނެވެ. ގޮއިދޫގެ ޒުވާނުން އިސްނަގައިގެން ރަށު ރައްޔިތުންގެ ނަމުގައި ނަރުދޫގެ ކޮންމެ ގޭބިސީއަކަށް މަހުގެ ޕްކޭޖުތަކެއް ހަދިޔާކުރި އެވެ.

your imageށ. ގޮއިދޫ ޒުވާނުން ނަރޫދޫއަށް މަސް ހިފައިގެން އައިސް

ގޮއިދޫ ރައްޔިތުން އިސްނެގުމާއެކު އަތޮޅުގެ އެހެން ރަށްތަކުން އެ ނަމޫނާ ބަލައިގަނެ ކޮވިޑް-19 ގެ ހިތި ތަހައްމަލް ކުރަމުން އަންނަ ކުޑަ ކުޑަ ނަރޫދޫއަށް އެހީތެރިވުމަށް އަވަސްވެ ގަތެވެ. އެގޮތުން ފީވަކުން 100 ބަސްތާ ކާޑާއި މޭވާއާއި ތަރުކާރީ ހަދިޔާކޮށްފައިވާއިރު މިލަންދޫއިން ވެސް ވަނީ ކެއުމުގައި ބެނުންކުރާ ޕާނާއި، ހޮޓް ޑޯގް ފަދަ ތަކެތި ގެތަކަށް ހަދިޔާކޮށްފަ އެވެ. އަދި އަތޮޅު ވެރިކަން ކުރާ ފުނަދޫއިން ވެސް ވަނީ ކއުމުގައި ބޭނުންކުރާ ކާޑާއި އެކި ސާމާނުގެ އިތުރުން ކޮންމެ ގެއަކަށް މަސް ވެސް ހަދިޔާކޮށްފަ އެވެ.

your imageފުނަދޫއިން އެހީގެ ތަކެތި ހިފައިގެން ނަރޫދޫއަށް ދިޔަ ދޯނ

"ހާއްސަކޮށް ރަމަޟާން މަހަކީ ނަރުދޫގައި ރޯމަސް ބޭނުންކުރާ މައްސަރަކަށް ވީއިރު ލޮކްޑައުންގެ ސަބަބުން މަސް ނުލިބި މިދިޔައީ. ނަމަވެސް ގޮއިދޫ ޒުވާނުން އިސްނަގައިގެން އެރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން މަސް ފޯރުކޮށްދީފަ މިވަނީ. އެކަމާ ރައްޔިތުން ވަރަށް ހިތްހަމަޖެހިފަ ތިބީ. އަދި ގޮއިދޫ އެހެންމެހާ ފަރާތްތަކަށް ކައުންސިލްގެ ނަމުގައާއި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން،" ކުރިން ސީއެންއެމްއަށް ދިން އިންޓަވިއުގައި ނަރުދޫ ކައުންސިލްގެ މެމްބަރު އަހުމަދު ނިޒާރު ވިދާޅުވި އެވެ.

ސީއެންއެމްއަށް ނިޒާރު ވިދާޅުވީ ރަށަށް ކާބޯތަކެތި ލިބިމުގައި ދިމާވެފައިވާ ދައްޗަކީ އަމާޒު ބޯޓު މާލެއަށް ދަތުރު ނުކުރެވުން ކަމަށެވެ. ނަމަވެސް އަތޮޅުގެ ރަށްތަކުން ނަމޫނާ ދައްކައި އެކަމަށް ހައްލު ހޯދައި ދީފައިވާ ކަމަށާއި އެކަމުން އެނގެނީ އަތޮޅުގެ ރަށްތަކުން ނަރުދޫ ބާކީނުކޮށް ރަށުގެ ހާލަތު ގާތުން ބަލަމުން އަންނަކަން ކަމަށް ނިޒާރު ވިދާޅުވި އެވެ. 

އަދި އަތޮޅުގެ ރަށްތަކުގެ ފަރާތުން އެހީތެރިވެ ދެމުން އަންނާތީ އެކަމަށް ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި ހިތުގެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރަށްތަކުން އެހީތެރިވުމަށް ތަކެތި ހިފައިގެން އައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ނިޒާރު ވިދާޅުވި އެވެ. 

" ކާބޯތަކެތި ލިބުމުގައި ދަތިވީ އަމާޒު ބޯޓަށް މާލެ ދަތުރު ނުކުރެވޭތީ. ނަމަވެސް އެދަތިތައް ހައްލު ހޯދައިދިނުމަށް އަތޮޅުތަކުން ދަނީ އެހީތެރިވަމުން. އެކަމުން އެނގިގެން މިދަނީ ށ. އަތޮޅުގެ ރައްޔިތުންނަކީ ނަމޫނާ ބައެއްކަން. އަތޮޅުގެ ރަށެއް ހާލުގަ ޖެހި އެކަނިވާން ދޫނުކުރާނެކަން. އެހެންކަމުން ނަރޫދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން،" ނިޒާރު ވިދާޅުވި އެވެ.

އާބާދީގައި 600 މިހުން ދިރިއުޅޭ ނަރޫދޫއަކީ ރާއްޖޭގެ ރަށަކުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ރަށެވެ. އެގޮތުން ނަރުދޫއިން ކޮވިޑް-19 އަށް 11 މީހުން ޕޮޒިޓިވްވެފައިވާއިރު އަދިވެސް ސާމްޕަލް ނެގުމުގެ މަސައްކަތް އެރަށުގައި ކުރިއަށްދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް