ހައުސިން މިނިސްޓްރީގެ 2018 އިން 2023 އަށް އެކުލަވާލި އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާލެ އާއި ހުޅުމާލޭގެ 20 ސަރަހައްދެއްގައި ޕާކިން ސިސްޓަމް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ އަށް އެސްޓީއޯއާ ހަވާލުކުރީ 26 ޖޫން 2016 ގަ އެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ، ދެ އަހަރު ފަހުން 26 ޖޫން 2018 ގައި އެ އެއްބަސްވުން ބާތިލުކުރި އެވެ.
އެއްބަސްވުން ބާތިލުކުރިއިރު ނިމިފައިވަނީ އެންމެ ދެ ސިސްޓަމެވެ. އޭގެ ފަހުން، ނުނިމި ހުރި 14 ޕާކިން ސިސްޓަމް ބަހައްޓަން 2018 ވަނަ އަހަރުގެ ތެރޭގައި 14.4 މިލިއަން ރުފިޔާ އަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން އެކަމެއް ގެންދާނެ ޕްލޭނަކާއި ފީސިބިލިޓީ ސްޓަޑީއެއް ހެދުމަކީ މުހިންމު ކަމަކަށް ވިޔަސް، މި މަޝްރޫއު ފެށުމުގެ ކުރިން އެފަދަ އެއްވެސް ދިރާސާއެއް ހަދާފައިވާކަން ލިޔުމަކުން އެނގޭކަށް ނެތެވެ. އަދި މަސައްކަތް ހުއްޓާލުމަށް ފަހު، ސިސްޓަމްތައް ބަހައްޓަން ގެނައި ތަކެތި އެސްޓީއޯ އިން މިނިސްޓްރީއާ ހަވާލުކުރި ނަމަވެސް، ފަހުން އެ ތަކެއްޗަށް ވީގޮތެއް އެނގެން ނެތް ކަމަށް މިދިޔަ މަހުގެ 5 ވަނަ ދުވަހު މިނިސްޓްރީން ވަނީ އޮޑިޓް އޮފީހަށް އަންގައިފަ އެވެ.
މީގެ އިތުރުން މާލިއްޔަތު ގަވާއިދުގައި މަސައްކަތެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ ފައިސާ ދައްކަން ޖެހޭނީ ކޮންސަލްޓެންޓް ރިޕޯޓަށް ބެލުމަށް ފަހުގައި ކަމަށް އޮތް ނަމަވެސް، އެސްޓީއޯ އިން ހުށަހެޅި ހަތަރު ބިލަކަށް ދެއްކި 9.8 މިލިއަން ރުފިޔާ ދައްކާފައިވަނީ މަސައްކަތް ނިމުނު މިންވަރަށް ބެލުމެއް ނެތި ޝެޑިއުލާ އެއްގޮތަށް ކަމަށް އޮޑިޓުން ވަނީ ހާމަވެފަ އެވެ.
އަދި ފަހުން ހަވާލުކުރި ބޭރުގެ ކުންފުންޏަށް ދެ އިންވޮއިސްއަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކިއިރު، އެއީ ކޮން ސަރަހައްދެއްގެ ސިސްޓަމަކާ ގުޅޭ އަދި ކިހާ ވަރަކަށް ނިމިފައިވާ މަސައްކަތެއްކަން އެނގެން ނެތް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މަސައްކަތް ކުރިއަށް ނުގެންދާ ގޮތަށް ނިންމުމާ ހަމައަށް ބޭރުގެ ކުންފުނިން އެއްވެސް ސިސްޓަމެއް ނިންމިކަން އެނގެން ނެތްއިރު، މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް ޖުމްލަ 13.8 މިލިއަން ރުފިޔާ ބިލުތަކަށް ވަނީ ދައްކައިފަ އެވެ. އޭގެ އިތުރުން އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން 2.1 މިލިއަން ރުފިޔާ ގެ ތެރެއިން އަނބުރާ ނުލިބިވާ 1.4 މިލިއަން ރުފިޔާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 59.35 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫއުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބުމަކީ ދައުލަތުގެ ފައިސާއަށް އިހުމާލުވުމެއް ކަމަށާއި، މިއީ މާލިއްޔަތު ގަވާއިދާ ހިލާފު ހުއްދަނޫން އަމަލެއް ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައިވެ އެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ އަންގައިފަ އެވެ.