މި މައްސަލާގައި ކޯޓުން ހުކުމް އިއްވީ ކަޑުރޯޅި ލ. މާބައިދޫ އިސްމާއިލް ޖުމާންގެ މައްޗަށެވެ.
މި މައްސަލާގައި އޭނާއާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ 23 މާރިޗު 2022 ވީ ދުވަހުގެ ފަތިހު 05:00 އެހައިކަންހާއިރު، ކ. މާލެ، ހ. ލަންދޫ ގޭގައި ހިންގަމުންދިޔަ "ރިއަލްއިން" ގެސްޓްހައުސްގެ ކޮޓަރިއަކަށް އަންހެން ކުއްޖާ ގެންގޮސްފައިވާކަމަށެވެ. އަދި އަންހެން ކުއްޖާގެ ނުރުހުމުގައި އިސްމާއީލް ޖުމާން އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް ދައުލަތުގެ ދައުވާއަށް އޭނާ އިންކާރުކޮށް ބުނެފައިވަނީ އަންހެން ކުއްޖާ ރޭފްކޮށްފައި ނުވާނޭކަމަށާއި ކުރިކަމެއް ކުރީ ދެމީހުންގެ ރުހުމުގައިކަމަށެވެ.
މި މައްސަލަ ނިންމާ ކްރިމިނަލްކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޑީއެންއޭ ތަހުލީލް ރިޕޯޓާއި، މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން، އަނިޔާ ލިބުނު ފަރާތާ އެކު އިސްމާއީލް ޖުމާން ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ކަށަވަރުވާކަމަށެވެ. އަދި އިސްމާއީލް ޖުމާންގެ ޑީއެންއޭ އަނިޔާ ލިބުނު ފަރާތުގެ ހަށިގަނޑުގެ އެކިތަންތަނުން ނެގުނު ސާމްޕަލްތަކުން ނާއި އަންނައުނުން ނެގިފައިވާ ސާމްޕަލްތަކުން ފެނިފައިވާ ކަން ވެސް ހުކުމްގައިވެއެވެ.
އޭގެއިތުރުން އެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން އެނގޭ ކަމަށާއި އަނިޔާލިބުނު ފަރާތުގެ ކަރުގައިވެސް ރަތްވެފައިވާ ތަނެއް ހުރި ކަމަށްވެސް ހުކުމުގައި ވެއެވެ.
މީހަކު ރުހުމުގައި ކުރި ނަމަ މި ބާވަތުގެ އަނިޔާތަކެއް ލިބޭނެކަމަށް ގަބޫލެއްނުކުރެވޭ ކަމަށް ކޯޓުގެ ހުކުމްގައި ވެއެވެ. އަދި އިސްމާއީލް ޖުމާން އެ އަމަލު ހިންގާފައިވަނީ އެ ކުށް ކުރުމުގެ ގަސްދު އޮވެމެ، އެކަން ކުރަނީ އަނިޔާ ލިބުން ފަރާތުގެ ނުރުހުމުގައި ކަން އެނގިހުރެކަންވެސް ހުކުމުގައި ވެއެވެ.