ފުލުހުންނަށް ހިންގާ ކޯސްތަކާއި ތަމްރީނުތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި "އިހުތިރާމް" ހިމެނުމަށް ނިންމަވާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement
މިކަން ސީޕީ އިއުލާން ކުރެއްވީ ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ އަހްމަދު މުހައްމަދު ވިދާޅުވީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި، ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް ނިންމަވާފައިވާކަމަށެވެ.
މީގެ ސަބަބުން، ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ރޭ އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ގަދަރާއި އިހްތިރާމް ކުރުމުގެ ރީތި ސިފަ ހަރުދަނާކުރުކަމަށް ސަރުކާރުން ބުނެ އެވެ.