ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވި ގައުމުތަކުގެ ތެރެއިން ތަރައްގީގެ މަގުގައި ކުރިއެރުން ހޯދާފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، އެ ފުރުސަތުތަކުގެ ބޭނުން ހިފި ގައުމުތައް ކަމަށެވެ.
ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ، އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ފޯރާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، މިނިވަންކަން ދެމެހެއްޓުމުގެ ގާބިލުކަން އިތުރުވެ، ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ މަގާމެއް ކަށަވަރުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ނަޝީދު ގެންދަވަނީ މި މަޝްރޫއުއަށް ފާޅުގައި ތާއީދު ކުރައްވަމުންނެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ މަޝްރޫއު ހަވާލުކުރަން ނިންމާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވަނީ މީގެ ކުރިން ވެސް ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.