ads
އެމްއަިބީއިން ތައާރަފުކުރި އާ ކާޑުތައް
އެމްއައިބީން އިސްލާމިކް ބޭންކިންގެ އާ ކްރެޑިޓް ކާޑު ތައާރަފުކޮށްފި
ޝަރީއާގެ ހަމަތަކަށް ފުރިހަމައަށް ފެތޭ އާ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް އެމްއައިބީއިން މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

އެއީ ރާއްޖޭގައި އިސްލާމިކް ބޭންކިން އާއި ފައިސާ ދެއްކުމުގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނެރުނު މުހިންމު ކާޑުތަކެކެވެ.

އައު ކްރެޑިޓް ކާޑު ބަހާލެވިފައިވަނީ ޖުމްލަ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ގޯލްޑް، ޕްލެޓިނަމް، ސިގްނަޗާ އަދި ބިޒްނަސް ކާޑެވެ. މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ބޭނުންތަކަށް ޚާއްޞަކޮށްގެން ފޯރުކޮށްދޭ ކާޑުތަކެކެވެ. މިއިން ކޮންމެ ކާޑަކަށްވެސް ކްރެޑިޓް ލިމިޓް ކަނޑައެޅިފައިވަނީ 12,000 ދިވެހި ރުފިޔާއިން ފެށިގެން 300,000 ދިވެހި ރުފިޔާއާ ހަމައަށެވެ. ކާޑު ދޫކުރުމުގައި ބަލާނީ އެދޭ ފަރާތުގެ އާމްދަނީއާއި މާލީ ޝަރުޠުތަކަށް ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

ވަކިވަކި ކާޑުތަކުގެ ލިމިޓްތަކަށް ބަލާއިރު، ގޯލްޑް ކާޑަށް 12,000 އާއި 50,000 ދިވެހި ރުފިޔާއާ ދެމެދުގެ ލިމިޓެއް ލިބޭއިރު، ޕްލެޓިނަމް ކާޑަށް ދޫކުރަނީ 50,000 އާއި 100,000 ދިވެހި ރުފިޔާއާ ދެމެދުގެ ލިމިޓެކެވެ. އަދި ސިގްނަޗަރ ކާޑަށް 100,000 އިން ފެށިގެން 300,000 ދިވެހި ރުފިޔާއާ ހަމައަށް ލިމިޓް ލިބޭއިރު، ވިޔަފާރިތަކަށް ޚާއްޞަ ބިޒްނަސް ކާޑުގެ ލިމިޓަކީ 100,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދެވެ.

މީގެއިތުރުން އަމިއްލަ ފަރުދުންގެ ކާޑުތަކަށް މަހުން މަހަށް ބޭނުންކުރެވޭނެ އެމެރިކާ ޑޮލަރުގެ ވަކި ލިމިޓްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގޯލްޑް ކާޑަށް 300 އެމެރިކާ ޑޮލަރު، ޕްލެޓިނަމް ކާޑަށް 400 އެމެރިކާ ޑޮލަރު އަދި ސިގްނަޗަރ ކާޑަށް 500 އެމެރިކާ ޑޮލަރު ކަނޑައެޅިފައިވެއެވެ. ނަމަވެސް ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ.

އެމްއައިބީއިން ބުނި ގޮތުގައި، މި ކާޑުތަކުން ކުރާ ހަރަދުތަކަށް ފައިސާ އަނބުރާ ދެއްކުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ. މަހުން މަހަށް ދައްކަންޖެހޭ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ނުވަތަ މުޅި އަދަދު އެއްކޮށް ދެއްކުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބެ އެވެ

ކާޑުތަކުގެ ކޮންމެ މަހެއްގެ ސްޓޭޓްމަންޓު އެ މަހެއްގެ 10 ވަނަ ދުވަހު ލިބޭނެ އެވެ. އެ ސްޓޭޓްމަންޓަށް ރިއާޔަތްކޮށް، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އެ މަހެއްގެ 30 ވަނަ ދުވަހުގެ ނިޔަލެވެ. ފައިސާނެޓް، ފައިސާ މޮބައިލް، އޭޓީއެމް ނުވަތަ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

އެ ބޭންކުން ބުނީ، މި އައު ކްރެޑިޓް ކާޑުތައް ތައާރަފުކުރުމަކީ އިސްލާމިކް ބޭންކިންގެ  އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ބަދަލުވަމުންދާ މާލީ ބޭނުންތަކަށް އެކަށީގެންވާ ޒަމާނީ ހައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

93%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް