ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށެވެ. އަދި އެމީހަކީ އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށްވެސް ވާން ޖެހޭނެކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާން ޖެހޭނެކަަމަށްވެސް ޖޭއެސްސީން ބުނެ އެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،000 ރުފިޔާ ލިބޭނެއެވެ. އަދި މަޖިލިހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސްވެސް ލިބޭނެކަމަށް ޖޭއެސްސީން ބުނެ އެވެ.
ހައިކޯޓްގެ ފަނޑިޔާރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ލިޔުންތައް ހުށައެޅުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.