މިއަދު މެންދުރުފަހު ބޭއްވި ވާޗުއަލް ސެރެމަނީއެއްގައި އެހީގެ އެ އެއްބަސްވުމުގައި ސޮއެކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން އެވެ.
ހާލުގައި ޖެހިފައިވާ މީހުން ތިބޭނެ ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނީ ޖެންޑާ މިނިސްޓްރީންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކެނެޑާގެ ހާރިޖީ ވަޒީރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ކެނެޑާއިން ވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް ދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި، ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ކެނެޑާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.