
މިދިޔަ އަހަރުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވާދަވެރިން ހައްޔަރު ކުރުމަށް ޔޫން ނިންމެވުމާ ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ގައުމުގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ އޭނާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް މަޖިލީހުން އޮތީ ކަނޑައަޅާފަ އެވެ.
ކުއްލިހާލަތު އިއުލާނު ކުރައްވައި، ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ގާނޫނުހަދާ މަޖިލީހުގައި ތަޅުއަޅުވައި، މީޑިޔާގެ ބާރު ކަނޑުވައިލުގެ ގޮތުން ޔޫން ކުއްލިހާލަތު އިއުލާނު ކުރެއްވުމާ އެކު ދެކުނު ކޮރެޔާގެ ސިޔާސީ މަސްރަހު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަ އެވެ.
ރައީސް ކަމުގެ މަގާމުގެ ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި، ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ޔޫން މަސައްކަތް ކުރައްވާފައިވާ ކަމުގައި އެ ގައުމުގެ ދުސްތޫރީ ކޯޓުން ހުކުމް ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުން ވިދާޅުވީ މާޝަލް ގާނޫނުގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އޭރު ގައުމީ ބޮޑު ކާރިސާއެއް ގައުމުގައި ނެތް ކަމަށާއި ޔޫން އެކަން އިއުލާނު ކުރެއްވި ސަބަބުތައް ދިފާއު ނުކުރެވޭނެ ކަމަށެވެ.
ޔޫން މަގާމުން ވަކި ކުރުމާ ގުޅިގެން ދެކުނު ކޮރެއާގެ ގާނޫނު އަސާސީގައި ބުނާ ގޮތަށް 60 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިޚާބު ކުރަންޖެހެ އެވެ. އާ ރައީސަކު ހުވާ ކުރަން ދެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ބޮޑުވަޒީރު ހަން ޑަކް-ސޫ އެވެ.
ޔޫންއަކީ ކުރީގެ ޕްރޮސެކިއުޓަރެކެވެ. އޭނާއަކީ އެންމެ އަހަރެއްގެ ތެރޭގައި ސިޔާސީ މައިދާނަށް ނުކުމެ ރައީސްކަމާ ހަމައަށް ވާސިލުވި ބޭފުޅެކެވެ. އަސްކަރީ ގާނޫނު އިއުލާނުކުރުމާ ގުޅިގެން ވަކީލު މެދުވެރިކޮށް ޔޫން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.
އަސްކަރީ ގާނޫނާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބަގާވާތެއް ގެނަން އުޅުމުގެ ތުހުމަތުކޮށް އުމުރުން 64 އަހަރުގެ ޔޫންގެ މައްޗަށް އިތުރު ޖިނާއީ ޝަރީއަތެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ކުށް ސާބިތުވެއްޖެނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބުވެސް ލިބިދާނެ އެވެ. އެމަނިކުފާނު ގައުމުން ބޭރަށް ދަތުރުކުރެއްވުން އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން ވެސް ވަނީ މަނާކޮށްފަ އެވެ.
ސަބަބެއް ކަމަށް ބުނެފައި އޮތީ ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކުރުމަށް ހާޖަތެއް ނެތި، އަސްކަރީ ގާނޫން އިއުލާންކުރެއްވުމަކީ ރައީސް ގާނޫނާ ހިލާފު ކުރެއްވި ކަމަކަށް ވާތީ ކަމަށެވެ. ޔޫންގެ އިތުރުން ދިފާއީ ވަޒީރާއި އިންޓީރިއާ މިނިސްޓަރު ހިމެނޭ ގޮތުން 11 ވެރިއަކަށް ވަނީ ގައުމުން ބޭރަށް ވަޑައިގަތުން ވަނީ މަނާކޮށްފަ އެވެ.