ރާއްޖޭގައި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި، 100،000 ރުފިޔާ އިންވެސްޓުކުރާ ފަރާތްތަކުގެ އިތުރުން 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ފަރާތްތަކަށް "ރެސިޑެންޓް ވިސާ" ދޭން ހިމަނާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުމެއް ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުރުވަމުންދާ މާއްދާތަކަކީ އިމިގްރޭޝަނުން އެއްވެސް އިރެއްގައި ގާނޫނަށް ހުށަހެޅުމުގެ ވިސްނުމެއްވެސް ގެންގުޅެފައިވާ ކަންކަމެއް ނޫން ކަމަށެވެ.
މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސޮފްހާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އާ ގާނޫނެއްކަން ފާހަގަކުރައްވައި، އެ ބިލުގެ ދެލިކޮޕީގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމަނާފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ. އަދި އިމިގްރޭޝަން ފަދަ ގައުމީ ސަލާމަތާ ގުޅޭ ހައްސާސީ މަސައްކަތްތަކެއް ކުރަމުންދާ މުއައްސަސާއަކާ ގުޅުވައިގެން އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
އަމަލުކުރަމުންދާ 2007 ވަނަ އަހަރުގެ އިމިގްރޭޝަން ގާނޫނުގެ ބަދަލުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި އާ ބިލުގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ވަނީ މުތުލަގަށް މަނާކުރަން ހިމަނައިފަ އެވެ. ކުރީގެ އިސްލާހުގައި އޮތް ގޮތާ ޚިލާފަށް، ޣައްޒާގެ ހާލަތަށް ނުވަތަ ވަކި ޝަރުތަކަށް ބެލުމެއް ނެތި، އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން ދާއިމީކޮށް އަދި މުތުލަގަށް މަނާކުރުމަށް މި ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ބޭރުގެ އިންވެސްޓަރުންނަށާއި މަސައްކަތްތެރިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފަދަ އާ ވިސާގެ ބާވަތްތައް އުފެއްދުމާއި ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު ސަރުކާރަށް ލިބޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. ހަމައެއާއެކު، އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، ގައުމީ ސަލާމަތާއި އިޖުތިމާއީ އަދި ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ބިލުން ވަރުގަދަކޮށްދެ އެވެ.
އާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއިން ޑީޕޯޓްކޮށްފައިވާ މީހުންނާއި ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ކަމެއް ކޮށްފާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ޝައްކުކުރެވޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ހަރުދަނާ އުސޫލުތަކެއް ވަނީ އެކުލަވާލައިފަ އެވެ.