'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފްކުރުމުގެ ދައުވާ އުފުލާ ޝަރީއަތްތައް ވަނީ ފަށާފަ އެވެ.
މި މައްސަލާގައި ހުސެން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދު ވަނީ އެ ދެ މީހުންގެ ދިފާއީ ހެކިންގެ ގޮތުގައި ރައީސް މުއިއްޒު އާއި އީޝާ ހުށައަޅާފައެވެ. އެހެންނަމަވެސް ކްރިމިނަލްކޯޓުން ވަނީ އެ ހެކިތައް ބަލައި ނުގަތުމަށް ނިންމާފަ އެވެ.
އެ ނިންމުން ހައިކޯޓުގައި ފިޔާޒާއި ހަސަން އިސްތިއުނާފުކުރުމުން އެ މައްސަލަ ނިންމާ އިއްވި ހުކުމުގައި ބުނެފައިވަނީ ހެއްކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
އެހެންނަމަވެސް ދިފާއީ ހެއްކެއްގެ ގޮތުގައި އީޝާ ބަލައި ނުގަނެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ބާތިލުކޮށް އޭނާ ހެއްހެ ގޮތުގައި ބަލައިގަނެވޭނެކަމަށް ވަނީ ކަނޑައަޅާ ފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފު ކުރި ކަމަށް ބުނެ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެ ދެ މީހުން މިއަދު އިންކާރުކޮށްފަ އެވެ.