އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަން (އީސީ) އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ އެ މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓް މަދުކަމަށާއި، ބަޖެޓްގައި ހުރި އަދަދުތަކާއި އެކު، ގާނޫނީ ޒިންމާ އަދާކުރަން ދަތިވާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މުއައްސަސާތަކަށް އަބަދުވެސް ބަޖެޓު ކަނޑައަޅަނީ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށެވެ. އަދި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމެއް ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މުއައްސަސާތަކަށް ކުއްލިއަކަށް ބޭނުންވެދާނެ އިންފްރާސްޓްރަކްޗާ ފަދަ ކަންކަމަށް އަބަދުވެސް އެގޮތަށް ފައިސާ ހަމަޖައްސައިދެމުން އަންނަ ކަމަށާއި، ބަޖެޓު އެކުލަވާލާފައި އޮތީ އެފަދަ ކުއްލި ބޭނުންތައް ފުއްދައިދެވޭނެ ފަދަ އިންތިޒާމުތަކާ އެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައެއް މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ބަޖެޓުގައި ފައިސާ ނުހިމެނީ، އެ ކަންކަމަކީ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަންކަން ކަމުގައި ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީފާތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ވަޒީފާ އިތުރުކުރަން ހުއްދަދެނީ އެއީ ހަގީގަތުގައި ވެސް ކޮންމެހެން ބޭނުންވާ މަގާމެއްތޯ ބެލުމަށްފަހު ކަމަށެވެ. މުވައްޒަފުން އިތުރުކުރަން މުއައްސަސާތަކުން އަބަދުވެސް ގިނަ ހުށަހެޅުންތަކެއް ލިބޭ ކަމަށާއި، އެ ހުރިހާ ކަމަކަށް ފުރުސަތު ދީފިނަމަ ކިތަންމެ ބޮޑު ބަޖެޓަކުން ވެސް ފޫނުބެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ދައުލަތުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ހަގީގަތުގައި ވެސް ބޭނުންވާ މިންވަރަށްތޯ ދެނެގަތުމަށްޓަކައި އަންނަ އަހަރު ހާއްސަ އޮޑިޓެއް ކުރައްވާނެ ކަމަށް ޒަރީރު ތަކުރާރުކުރެއްވި އެވެ. އަދި މުވައްޒަފުން އިތުރުކުރުމުގެ ހުއްދަ ދެން ދޫކުރާނީ އެ އޮޑިޓަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.