އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި، މިހާރުން މިހާރަށް އެފަދަ ހަމަލާއެއް ދޭން އީރާނުން ތައްޔާރުވަމުންދާ ކަމުގެ ހެއްކެއް ނެތް ނަމަވެސް، ވޮޝިންޓަންގެ ވަކި ތަންތަނާއި އިސް ވެރިންނަށް އަމާޒުކޮށް ހަމަލާ ދެވިދާނެ ގޮތްތަކުގެ ޕްލޭންތައް އެ ގައުމުން ދަނީ އެކުލަވަމުންނެވެ. އަދި ބޮން ހެދުމަށް ބޭނުންވާ ބައެއް ސާމާނު އެމެރިކާގެ އެތެރޭގައި މިހާރު ވެސް ރައްކާކޮށްފައި ހުރި ކަމަށް އީރާނުގެ މުއާމަލާތްތަކުން ޖާސޫސީ އިދާރާތަކަށް އެނގިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
މި ނުރައްކަލާ ގުޅިގެން އެމެރިކާގެ ކެބިނެޓްގެ ބައެއް އިސް ވެރިންގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަސްކަރީ މަރުކަޒުތަކުގަ އެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެ ރިޕޯޓްތައް އެމެރިކާ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ނުރައްކަލެއް އޮތް ނަމަ، މީގެ ކުރިން އެއްވެސް ގައުމަކަށް ނުދޭ ފަދަ ހަރުކަށި އަދަބެއް އީރާނަށް ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާއިން އުފައްދައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ނުވަ މަސް ވެފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް މިވަގުތު އޮތީ ހުއްޓިފަ އެވެ.