ads
ކުރެއްދޫ ރިސޯޓް--
ކުރެއްދޫ މައްސަލައިގައި ކްރައުން އެންޑް ޗަމްޕާގެ މައްޗަށް ކުރާ ހަތަރު ދައުވާއަށް އިންކާރުކޮށްފި
ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާގެ ގައިން ބަލީގެ އަލާމާތްތައް ފެނުން ނަމަވެސް އެކަން ރިސޯޓުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓްކޮށްފައި ނުވާތީ ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ކްރައުން އެންޑް ޗަމްޕާގެ މައްޗަށް ކުރާ ހަތަރު ތުހުމަތަށް ކުންފުނިން އިންކާރުކޮށްފި އެވެ.
Advertisement

އެ މައްސަލައާ ގުޅިގެން ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން މިއަދު "ސީއެންއެމް" އަށް ވިދާޅުވީ ކުރެއްދޫ މައްސަލައާ ގުޅިގެން ފުލުހުން މިއަދުވަނީ ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްކޮށް މިއަދު 13:30 ގައި ބަޔާން ނަގާފައި ކަމަށެވެ. 

އެކަމަކު ފުލުހުން ކުރި ހަތަރު ތުހުމަތަށް ވެސް ކުންފުނިން އިންކާރު ކުރާ ކަމަށް މުހުތާޒު ވިދާޅުވި އެވެ. 

މުހުތާޒު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުރެއްދޫގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ވަނީ ކުރަން ނުޖެހޭ ވަރަށް މަސައްކަތްކޮށްފައި ކަމަށެވެ. އެގޮތުން ވިދާޅުވީ ކޮވިޑް-19 އަށް އެމީހާ ޕޮޒިޓިވްވެފައިވާކަމުގެ ރަސްމީ ލިޔެކިޔުމެއް ދައުލަތުގައި ނެތް ކަމަށާއި އެމީހާގެ ހަބަރެއް ވެސް އޭގެ ފަހުން ނުވާ ކަމަށެވެ. 

އަދި ކުރެއްދޫ ރިސޯޓުން އޭރު ކަންކުރީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި އެކަން ހިނގާދިޔައިރު ތަފްސީލީ ގައިޑްލައިނެއް ވެސް ނެތް ކަމަށެވެ. އަދި އޭރު އޮތީ ޗައިނާއިން ރާއްޖެއަށް އަންނަ މީހެއްގެ ކިބައިން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ހިއްސާކުރަން ޖެހޭނެ ކަމަށާއި އެ ލިސްޓުގައި އިޓަލީ ނެތް ކަމަށް މުހުތާޒު ވިދާޅުވި އެވެ. 

މުހުތާޒު އިތުރަށް ވިދާޅުވީ އެ ފަތުރުވެރިޔާއަކީ ހިތުގެ ބައްޔެއް ހުންނަ މީހެއް ކަމަށާއި ހޭނެތުން ފަދަ ކަންކަން ކުރިމަތިވީ ބީޕީ ދަށަށް ދިއުމުން ކަމަށެވެ. އަދި އެމީހާގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

މުހުތާޒު ވިދާޅުވީ އެއީ ކޮވިޑް-19 ގެ އަލާމަތްތައް ނޫން ނަމަވެސް އެޗްޕީއޭއަށް ގުޅައި ކަންކަން އޮތް ގޮތް ވެސް ކުރެއްދޫގެ ޑޮކްޓަރު ބެލި ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވި ކަން ހިއްސާކޮށް އެލާޓަށް ގެނައީ ވެސް އެ ރިސޯޓުންކަން ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން މުހްތާޒު ވިދާޅުވީ އެ ފަތުރުވެރިޔާ ފުރުމުގެ ކުރިން އެކަން އެޗްޕީއޭއަށް އަންގާފައި ނުވާ ކަމަށް ބުނާއިރު އޭނާ ފުރާފައި ވަނީ އެއާޕޯޓުގެ ހެލްތު ކްލިނިކްގެ އެޕްރޫވް ވެސް ލިބިގެން ކަމުން އެކަމަކީ ރިސޯޓުން ޒިންމާވާން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކުރެއްދޫ ކޭސްއާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް ވެސް ނެތް ކަމަށެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ އިޓަލީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިިރު ރިސޯޓުގައި ހުރި އިރުވެސް އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުން ކަމަށް ފުލުހުން ބުނެ އެވެ. 

ނަމަވެސް ފުލުހުން ބުނީ ރިސޯޓުން އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ނާންގާ ކަމަށެވެ.

އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ކުރަމުން އަންނައިރު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކުރެއްދޫގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ވަނީ މާޗް 23 އިން އޭޕްރިލް 22 ގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް