ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި "ލެޓާ އޮފް އިންޓެންޓް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އަދި ފްރާންސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެމީ ލަމްބާޓް އެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމަށް ވެސް މުހިންމު ދާއިރާތަކުން ގަވާއިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ސަރުކާރުން ވެސް ދޭ ހާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ ރާއްޖެ އާއި ފްރާންސާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ގައުމުތައް ބައިވެރިވާ ނިޒާމެއްގެ މުހިންމުކަމާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ އިތުރުން، ކަނޑުތައް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ގައުމުން ގެންގުޅޭ އެއްގޮތް ސިޔާސަތުތައް އެކަމަނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ފްރާންސުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވެސް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެ، އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.