ވޮޝިންޓަނާއި މިއާމީގައި ބޭއްވުނު މި ބައްދަލުވުންތަކުގައި ގޮފްމަން ވަނީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރައްވައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ ޖާސޫސީ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ޔަހޫދީންގެ ކުރީގެ ވަޒީރު ރޮން ޑާމަރވެސް ވަނީ އެމެރިކާގެ އިސް ވެރިންނާއެކު މި މައްސަލައިގައި ވަކާލާތު ކުރައްވާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ޔަހޫދީ ދައުލަތުން މި މަސައްކަތް ފަށާފައިވަނީ އާންމު އިންތިހާބުގައި ލިބުނު ނާކާމިޔާބީތަކާ ގުޅިގެން ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެރިކަން ގެއްލުމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، އަހަރު ނިމުމުގެ ކުރިން އެ ސަރަހައްދަށް ޖަމާކޮށްފައިވާ އެމެރިކާގެ އަސްކަރީ ބާރުތައް މަދުކޮށްފާނެ ކަމަށް ބެލެވޭތީ، ހަމަލާއެއް ދިނުމަށް ލިބޭ ފުރުސަތު ހަނިވަމުންދާ ކަމަށް ނަތަންޔާހޫ ދެކެއެވެ.
މިފަދަ ބާރުއެޅުންތަކެއް ހުރި ނަމަވެސް، ޤަޠަރު މެދުވެރިވެގެން ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށާއި ގަލްފުގެ ގައުމުތަކުގެ ލީޑަރުންގެ އެދުމަށް ރިއާއަތްކުރައްވައި، ރައީސް ޓްރަމްޕް ވަނީ އަސްކަރީ ފިޔަވަޅުތައް މިވަގުތަށް މަޑުޖައްސަވާލައްވާފައެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، މިވަގުތު ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަނުމުގެ ބޭނުމެއް ނެތެވެ.
މީގެ އިތުރުން، އީރާނުގެ ފަރާތުން މިވަގުތު ކުރިމަތިވެދާނެ ސީދާ ނުރައްކަލެއް ނެތް ކަމަށް ޔަހޫދީ އަސްކަރިއްޔާގެ ބައެއް އިސް ފަރާތްތަކުން ދެކޭއިރު، އަލުން ހަމަލާދީގެން ހާސިލުވާނެ އަސްކަރީ އަދި ސިޔާސީ ނަތީޖާއަކާމެދު ވިލާތުގެ އިއްތިހާދުގެ އޮފިޝަލުންވެސް ވަނީ ސުވާލު އުފައްދަވާފައެވެ.