މިއީ މި ރޭހުގެ ދިގު ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވި ފަހަރެވެ.
މި އަހަރުގެ ރޭހުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދީ ކެންޔާގެ ތައިރޫ ޗޭގޭ އަދި ނޭޕާލްގެ ސަންތޯޝީ ޝްރެސްތާ އެވެ. ފިރިހެނުންގެ ހާފް މެރަތަން ޗޭގޭ ކާމިޔާބުކުރީ އެއް ގަޑިއިރާއި 18 މިނެޓު 16 ސިކުންތުން، ނޭޕާލްގެ ސަންތޯޝް ބިކްރަމް ބިސްތާއާ ވާދަކޮށް އެންމެ ސިކުންތެއްގެ ތަފާތުންނެވެ.
މި ބައިން ތިންވަނަ ރާއްޖޭގެ ޝިފާޒް މުހައްމަދު ހޯދިއިރު، އަންހެނުންގެ ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ޝްރެސްތާ ހޯދީ އެއް ގަޑިއިރާއި 26 މިނެޓު 39 ސިކުންތުންނެވެ. ދެވަނަ އައިޝަތު ޖިނާނީ އިބްރާހީމް އަދި ތިންވަނަ ފާތިމަތު ޝީޒާ ހޯދިއިރު، ޗޭގޭ އާއި ޝްރެސްތާ ވަނީ ފަސް ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން ވެސް އެއްވަނަ ހޯދައި ދެ ރަން މެޑަލް ކަށަވަރުކޮށްފަ އެވެ.
10 ކިލޯމީޓަރުގެ އޯޕަން ކެޓަގަރީގައި ދިވެހި ދުވުންތެރިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ފިރިހެނުންގެ ބައިން ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެއްވަނަ ހޯދިއިރު، އަންހެނުންގެ ބައިން އެއްވަނަ ހޯދީ އައިޝަތު ރިޝްމީ އެވެ.
ފަޒީލާއި ރިޝްމީ ވަނީ 5 ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން ވެސް ތިންވަނަ ހޯދާފަ އެވެ. 10 ކިލޯމީޓަރުގެ މާސްޓާސް ކެޓަގަރީން އެއްވަނަ ހޯދީ ކަރީމް މޭކޮކް އާއި ޒާރާ ރިޔާޒެވެ. އަދި ހާފް މެރަތަން މާސްޓާސް ބައިން އެއްވަނަ ހޯދީ އަސްވާން އަލީ އާއި ހުސްނާ މުހައްމަދެވެ
ކޮންމެ ދުވުންތެރިއެއްގެ ރަޖިސްޓްރޭޝަން ފީގެ ތެރެއިން 100ރ. އަދި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާ މި ޖަމިއްޔާތަކަށް ހަމަހަމަކޮށް ބަހަން ހަމަޖެހިފައިވާއިރު، އެންމެ ގިނަ ވޯޓު ލިބުނު ފަސް ޖަމިއްޔާއަށް ދިރާގުން ޖުމްލަ 200،000ރ. ގެ ހާއްސަ އެހީއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ކުޅިވަރުގެ އިތުރުން، ދިރާގު ރޯޑް ރޭހަކީ އިޖުތިމާއީ ކަންކަމަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި އަހަރު ވެސް ކުޑަކުދިންގެ ހައްގުތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 12 ޖަމިއްޔާއަކަށް އެހީވުމަށް ފައިސާ އެއްކޮށްފައިވެ އެވެ.