ޖަރުމަނުގެ ޑީޑަބްލިއު ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް މިހާރު ވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ މަހު ރާއްޖެއަށް ކުރި ބޯ ވިއްސާރައިގައި ބައެއް އާއިލާތައް ގެދޮރު ދޫކޮށް ދާންޖެހުނުކަން ފާހަގަކުރައްވައި، މިފަދަ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށް އަސަރުކޮށް ބާނާ މަހުގެ މިންވަރު މަދުވަމުންދާ ކަމަށާއި ފަރުތައް ހުދުވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މޫސުމީ ބައްދަލުވުންތަކުގައި (ކޮޕް) ރާއްޖެއިން ބައިވެރިވާތާ 31 އަހަރު ވެފައިވާއިރު، ޕެރިސް އެގްރީމަންޓަކީ މުޅި ދުނިޔޭގެ އެއްބައިވަންތަކަން ދައްކުވައިދިން އުއްމީދީ ފެށުމެއް ކަމަށް އަލީ ޝަރީފް ފާހަގަކުރެއްވި އެވެ. ނަމަވެސް، ކަންކަން ހާސިލުވަމުންދާ ސްޕީޑާއި މިންވަރަކީ ރާއްޖެ ފަދަ ގައުމުތަކުން ބޭނުންވާ މިންވަރު ނޫން ކަމަށާއި ދުނިޔެ ހޫނުވުމުގައި އެންމެ ކުޑަ ހިއްސާއެއް އޮތް ނަމަވެސް، އޭގެ އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހިފައިވަނީ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ ގައުމަކަށް ވާތީ ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އެކަނި ބޭނުންވާ ވަރަށް ކަރަންޓު އުފެއްދެން ނެތް ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އޮތް ހައްލަކީ ކަނޑުގައި އަޅާ "ފްލޯޓިން ސޯލާ" ނިޒާމުތައް ކަމަށާއި، ޖަރުމަނު ފަދަ ގައުމުތަކުގައި ރާޅު ނުނަގާ ބަންދުވެފައި އޮންނަ ފަޅުތަކާއި ކޯރުތައް ހުއްޓަސް، ރާއްޖޭގައި ސޯލާ ޕެނަލްތައް އަޅަން ޖެހެނީ ބޮޑެތި ރާޅުތަކާއި ކަނޑުގެ ގަދަ އޮއިވަރަށް ކެތްކުރެވޭ ގޮތަށް މާކަނޑުގައި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ، ރާއްޖޭން ތެޔޮ ބޭނުންކުރުން ހުއްޓާލުމާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ އޭގެ ބަދަލުގައި ބޭނުންކުރާނެ ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށެވެ. މީގެ އިތުރުން، ކޮޕްގެ ނިންމުންތައް ހުރިހާ ގައުމުތަކުގެ އިއްތިފާގުން ނިންމުމުގެ އުސޫލަކީ އުނދަގޫ ކަމަކަށް ވިޔަސް އެންމެން ގުޅިގެން ކުރާ މަސައްކަތަކަށް ވާތީ އެއްބަސްވުމަކަށް އައުން މުހިންމު ކަމަށާއި، އާ ނިޒާމެއް ހޯދުމުގެ ބަދަލުގައި މިހާރު އޮތް ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލި ގޮވާލުން ތަކުރާރު ކުރައްވަމުން މިނިސްޓަރު ވަނީ، ހަމައެކަނި ބޮޑެތި ގައުމުތަކުގެ އެހީން ނުފުދޭނެ ކަމަށާއި އަމިއްލަ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރު މި މަސައްކަތުގެ ތެރެއަށް ގެނެސް އިންވެސްޓް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.