ads
މާލޭގަ ވައި ނުސާފުވެފައިވައި: ފައިލް ފޮޓޯ ވަގުތު
ނުރައްކާތެރި މިންވަރަށް މާލެ ސަރަހައްދުގެ ވައި ނުސާފު ވެއްޖެ
މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) މޮނިޓާތަކުން ދައްކައިފި އެވެ.
Advertisement

އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 159 ގަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. މޮނީޓަރިން ސިސްޓަމްގެ ހިސާބުތައް ދައްކާ ގޮތުން އެ ރަށުގެ ވައިގެ ކޮލިޓީ ހުރީ 160 ގަ އެވެ. މިންގަނޑުތަކަށް ބަލާއިރު އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ މޮޑަރޭޓް ލެވެލް އެކެވެ. އަދި އިންޑެކްސް 100 އަށް ވުރެ މަތިވުމުން ހައި ރިސްކު މީހުންނަށް ނުރައްކާ އޮންނައިރު، 150 އިން މައްޗަށް ދިއުމުން އެއީ އާންމު އެންމެންނަށް ވެސް ނުރައްކާ އޮތް ހާލަތެކެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެފައި ވާއިރު، ހުޅުމާލެ ފޭސް 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް އާންމުކޮށް ނުސާފު ވައިގެ އަސަރު ބޮޑަށް ކުރަނީ އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާގެ ސަރަހައްދުތަކުން ބޭރުވާ ތަޣައްޔަރު ވައިގެ ސަބަބުންނެވެ. އަންނަ ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާ އެކު، އަނެއްކާވެސް ނުސާފު ވައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ ގާތްގަނޑަކަށް 75 އާއި 80 ޕަސެންޓާ ދެމެދުގެ މިންވަރެއް އުފެދެނީ ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ އެކި ހަރަކާތްތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހިރަފުހާއި، ކާރުހާނާތަކުގެ ދުމާއި، ދަނޑުވެރިކަމުގެ ކުނި އެންދުމާއި، ކަރަންޓު އުފެއްދުމަށް ކޯލް އެންދުމުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތަކުން އަރާ ދުމާއި ކުނޑި ހިމެނެ އެވެ.

ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ސިއްހީ ނުރައްކާ އޮތް ކަމަކަށް ވާއިރު، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކުރާ ނޭދެވޭ އަސަރު މާ ބޮޑެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ މާސްކު އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް