އެ މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ.
ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކާ ކަމަށް، އެ މައުލޫމާތުގައިވެ އެވެ.
ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 120 ރުފިޔާއަށް މިއަދު އެރިއިރު، މިއީ މިފަހުގެ ތާރީހެއްގައިވެސް ކެރެޓްގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި މާލޭ ބާޒާރުގައި ކެރެޓް ކިލޯއެއް އެންމެ ބޮޑުވެގެންވެސް 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރެ އެވެ.
ވިޔަފާރިވެރިން ބުނީ ކެރެޓްގެ އަގު މައްޗަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ކެރެޓް ސަޕްލައިކުރަން ދަތިވެ، ދަތުރުފަތުރުގެ އަގުތަކުން ތެލުގެ އަގުތައް ބޮޑުވުން ލޮޖިސްޓިކްސްއަށް އައި ބަދަލުތަކާއި، ތަރުކާރީ ގަތުމަށް،ޑޮލަރު ހޯދަންވެސް އުނދަގޫވުމުން ކަމަށެވެ.
ބާޒާރުގައި މުދަލުގެ އަގު ބޮޑުވިޔަނުދިނުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާނާގެ ލިސްޓުގައި ހިމެނޭ ބާވަތްތައް ގަނެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި އެ މަސައްކަތް ފުޅާކޮށް ރަށްރަށުގައި ހުރި އެސްޓީއޯ ފިހާރަތަކުގެ އިތުރަށް އެ ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް އަތޮޅު ތެރޭގެ ރަށްތަކުން މިބާވަތްތައް ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.