އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ "މެލާނިއާ: ދަ ސީރީޒް" ގައި ވާހަކަދައްކަމުން މެލާނިއާ ބުނީ، ކައިވެނީގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށްޓަކައި ދެމަފިރިންނަށްވެސް އެމީހުންގެ އަމިއްލަ ވަގުތާއި އެކަނިވެރިކަން ވަރަށް މުހިންމު ކަމަށެވެ. އަދި ރައީސް ޓްރަމްޕްގެ މި ދައުރުގައި އާންމު މަސްރަހުން އޭނާ މަދުން ފެންނަނީވެސް މި އުސޫލުގެ ދަށުން ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
މި ސީރީޒްގައި އިތުރަށް ވާހަކަދައްކަމުން މެލާނިއާ ބުނީ، ދެމަފިރިން އަބަދު ހުއްޓާނުލައި އެކުގައި އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެގޮތުން ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަށް އުޅުމުގެ ފުރުސަތު ދީ، އެމީހަކު ކުރާ ހިތްވާ ކަންކަމުގައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރަން ދޫކޮށްލަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ދެމަފިރިންގެ މެދުގައި ރަނގަޅަށް މުއާމަލާތު ކުރުމާއި އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް މެލާނިއާ ފާހަގަކުރި އެވެ.
ރައީސް ޓްރަމްޕަށް އަބަދުވެސް ތެދުބަހުން ނަސޭހަތް ދޭ ކަމަށް ބުނަމުން މެލާނިއާ ބުނީ، އޭނާއަކީ އަބަދުވެސް ރައީސަށް ހަގީގަތް ހާމަކޮށްދޭ މީހެއް ކަމަށެވެ. "ބައެއް ފަހަރު އެމަނިކުފާނުގެ އަރިހުގައި މާ ގިނަ މީހުން ތިބޭ، އަދި އެއީ ކޮންމެ ކަމަކަށްވެސް އާއެކޭ ބުނާ މީހުން. އެއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން،" މެލާނިއާ ބުންޏެވެ.
މެލާނިއާ އިތުރަށް ބުނި ގޮތުގައި، ވެރިއެއްގެ އަރިހުގައި އަބަދުވެސް އެމީހަކު ބުނާހާ ކަމަކަށް ތާއީދުކުރާ މީހުން ތިބުމުގެ ބަދަލުގައި، ކަންކަމުގެ ހަގީގަތް ސާފުކޮށް ބުނެދޭނެ މީހުން ތިބުމަކީ މުހިންމު ކަމެކެވެ. އަދި އަމިއްލަ މިނިވަންކަމާއެކު ދެމަފިރިން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެ، ކާމިޔާބު ކައިވެންޏަކަށް މަގުފަހިވާ ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.