މި ސަމިޓުގައި ހިންދުސްތާން ޓައިމްސްގެ އެންޓަޓެއިންމަންޓް އެންޑް ލައިފްސްޓައިލްގެ ޗީފް މެނޭޖިން އެޑިޓަރު ސޯނަލް ކަލްރާއާ އެކު ކުރިއަށްދިޔަ ބަސްދީގަތުމުގައި އަނަންޔާ ވަނީ އޭނާގެ ފިލްމީ ކެރިއަރާއި، މިހާރުގެ ބޮލީވުޑްގެ ހާލަތުގެ އިތުރުން އެހެނިހެން ގިނަ ކަންކަމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން މި ވާހަކަތަކުގެ ތެރެއިން ކައިވެނިކުރުމާއި ދިރިއުޅުމެއް ފެށުމާ ގުޅޭގޮތުން ސުވާލުކުރެވުނެވެ.
އެ ސުވާލަށް ޖަވާބުދެމުން އަނަންޔާ ބުނީ، ލޯބީގެ ކަންކަމުގައި ކުރީގެ ޖީލުތަކާ އަޅާބަލާއިރު މި ޖީލުގެ މީހުންނަށް މިހާރު މާ ގިނަ އޮޕްޝަންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް، އޮޕްޝަންތައް ގިނަވުމުގެ ސަބަބުން ލޯތްބާ މެދު މި ޖީލުގެ މީހުން ދެކޭ އަސްލު ގޮތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.
އަނަންޔާ ބުނީ، "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އަޅުގަނޑުމެންނަށް މާ ގިނަ އޮޕްޝަންތަކެއް އެބަހުރި. އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެން ހަގީގީ ލޯބި ގަބޫލުނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެން ވެސް އަދިވެސް މި ތިބީ ހަމަ އެ ހަގީގީ ލޯބި ހޯދުމުގެ ޝައުގުގައި،" މިހެންނެވެ.
އަނަންޔާ ފާހަގަކުރި ގޮތުގައި ޒަމާނަށް އައި ބަދަލުތަކާއެކު ގުޅުންތައް ބަދަހިކުރުމުގައި ތަފާތު ފުރުސަތުތަކެއް ހުޅުވިފައިވީ ނަމަވެސް، ހަގީގީ ލޯތްބާއި ވަފާތެރިކަމަށް ޒުވާނުން ކުރާ އުންމީދު އަދިވެސް އޮތީ ކުރިއެކޭ އެއްގޮތަށެވެ.