މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންނާއި، އެ މީހުންނާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނެވެ. އޭގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އަބްދުﷲ ސައްމާހް ހަސަން (20 އަހަރު) އެކަންޏެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.
ރަށުން ބޭރަށް ދިއުން މަނާކޮށް، ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލީ ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު (21 އަހަރު) އާއި ކ. ގާފަރު، މަލަ، އަހުމަދު ޝިނާޒު (30 އަހަރު) ގެ އިތުރުން ސ. ހިތަދޫ، ފެނީވާ، އަހުމަދު މާއިޝް މުހައްމަދު (21 އަހަރު) އެވެ. އެ މީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ވަނީ، އެކްސިޑެންޓް ހިނގާފައި ވަނީ އެ މީހުން ދުއްވަން ތިބި ސައިކަލުން ނޫން ކަމަށާއި، ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް އެދުނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހުން ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން ބަލައިގަނެ، ދައުވާކުރުމަށް ވަނީ ފޮނުވައިފަ އެވެ.
ސައްމާހުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ދުއްވަން އިން ސައިކަލުން ޖެހި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން ސާފުވެ އެވެ. ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށާއި އެއީ ރައްޓެއްސެއްގެ ސައިކަލެއް ކަމަށް ސައްމާހް ކޯޓުގައި ބުނި ނަމަވެސް، ފުލުހުންގެ ބަޔާނުގައިވަނީ އޭނާ ސައިކަލު ދުއްވީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ. އަދި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޕީޖީ އޮފީހުން ވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިން ބޭއްވި ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ، ހައިވޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް އެ ސައިކަލު ޖެހުނީ ފުލުހުން ޖަހާފައި ހުރި ވެހިކަލް ޗެކްޕޮއިންޓް (ވީސީޕީ) ގެ ބެރިކޭޑުގައި ކަމަށެވެ. އެ ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފަ އެވެ. މީގެ އިތުރުން ހައްޔަރުކުރި ހަތަރު މީހުންގެ ވެސް ޔޫރިންގެ ވަގުތީ ނަތީޖާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. އެ އެންމެންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށް ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.