އޭނާ މި ގޮވާލުން ގޮވާލާފައި ވަނީ، ދުނިޔޭގެ އެންމެ ބޮޑު ދީނީ އާބާދީއަށް އިސްލާމްދީން ވެގެންދާނެ ކަމަށް ލަފާކުރާ ރިޕޯޓެއް އާންމުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
މި ދިރާސާގައިވާ ގޮތުން، ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ މުސްލިމުންގެ އާބާދީ 2.57 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ އެ މުއްދަތުގައި ކްރިސްޓިއަނުންގެ އާބާދީ އުޅޭނެ ކަމަށް ލަފާކުރާ 2.52 ބިލިއަނަށް ވުރެ އިތުރު އަދަދެކެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ ޕިއު ރިސާޗް ސެންޓަރާއި ޕޮލެންޑްގެ ސެންޓަ ފޯ އެޑްވާންސްޑް ސްޓަޑީޒް އޮފް ޕޮޕިއުލޭޝަން އެންޑް ރިލިޖަން ގުޅިގެން އާންމުކުރި މި ދިރާސާއިން ދައްކާ ގޮތުގައި، މުސްލިމުންގެ އާބާދީ މިހާ ބާރަށް އިތުރުވަމުން އަންނަނީ ދަރިމައިވުމުގެ ނިސްބަތް މަތިވުމުގެ ސަބަބުންނެވެ. އެގޮތުން 2020 އިން 2025 އަށް މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭއިރު، ކްރިސްޓިއަން އަންހެނަކަށް ލިބެނީ އެވްރެޖްކޮށް 2.5 ކުދިން ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ލެވިޓްގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ. އެގޮތުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މައިންބަފައިންނަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވިހެއުމާ ގުޅިގެން ލިބެންޖެހޭ ޗުއްޓީ ފަދަ ކަންކަމާ ދެކޮޅު ހަދާ ފަރާތްތަކުން، ގިނައިން ދަރިން ހޯދަން ގޮވާލުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.