ފުލުހުން ބުނީ ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދޭނަމަ، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންކަމަށެވެ.
މި ސްކޭމް ހިންގާ ގޮތް
ސްކޭމަރުން އެންމެ ފުރަތަމަ ކުރާ ކަމަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުންކަމަށް ފުލުހުން ބުނެ އެވެ. ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރަން ފަށާކަމަށް ފުލުހުން ބުނެ އެވެ.
އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދޭކަމަށްވެސް ފުލުހުން ބުނެއެވެ. މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅާކަމަށްވެސް ފުލުހުން ބުނެ އެވެ.
އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވެނީކަމަށް ފުލުހުން ބުނެ އެވެ. ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިން" އެވެ.
މިކަމުގައި ނުރައްކާ ވަރަށް ބޮޑު
އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޑްރައިވަރަށް ނުވަތަ ޑެލިވަރީ ކުރާ ފަރާތަށް ނޭނގުނު ކަމުގައި ވިޔަސް، މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފާ ކުރުމުގެ ބައެއްކަންކަމާއި ކުރިމަތިލާން ޖެހިދާނެކަމަށް ފުލުހުން ވަނި އިންޒާރު ދީފައެވެ. އެގޮތުން ...
ޝައްކުކުރެވޭ ފައިސާއެއް އެކައުންޓަށް ޖަމާވެފައިވާނަމަ އަމަލުކުރާނެ ގޮތް
ތިޔަބޭފުޅާގެ އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފަރއެއް ލިބިފައިވާނަމަ، އެ ފައިސާ ފޮނުވި ނުވަތަ ގުޅި މީހާދޭ އިރުޝާދަށް އެ ފައިސާ އެކައުންޓުން ނެގުމާއި، ހަރަދުކުރުމާއި، އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުން ނުވަތަ އަނބުރާ ފޮނުވުންފަދަ އެއްވެސް ކަމެއް ނުކުރައްވާށެވެ. ވަގުތުން ތިޔަބޭފުޅާގެ ބޭންކަށާއި ފުލުހުންނަށް އެކަން އަންގަވައި، މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ބުކިންގ ތަފްސީލުތައް އަދި ޓްރާންސްފަރ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެކިތަކެއް ރައްކާތެރިކުރައްވާށެވެ.
ރައިޑް-ހެއިލިންގ އަދި ޑެލިވަރީގެ ޚިދުމަތްތަކަކީ އާމްދަނީ ހޯދުމަށް އޮތް މުހިންމު ވަސީލަތެކެވެ. ކުށްވެރިންގެ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް މަގުފަހިކުރުމަށްޓަކައި، ތިޔަބޭފުޅުންގެ އިތުބާރާއި، މާލީ ހާލަތު ނުވަތަ އިތުރު އާމްދަނީއެއް ހޯދުމަށް އޮންނަ ޝައުގުވެރިކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް އެއްވެސް ފުރުސަތެއް ނުދެއްވާށެވެ.
ތިޔަބޭފުޅާގެ ބޭންކް އެކައުންޓަކީ ތިޔަބޭފުޅާގެ ޒިންމާއެކެވެ. އެހެން މީހެއްގެ މުއާމަލާތެއްގެ ސަބަބުން ތިޔަބޭފުޅާއަށް ގާނޫނީ އަދި މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވިޔަ ނުދެއްވާށެވެ.
ފާރަވެރިވެ ތިއްބަވައި، ތިޔަބޭފުޅުންގެ މާލީ ވަސީލަތްތައް ރައްކާތެރިކުރައްވާށެވެ. އަދި ޝައްކުކުރެވޭ ފަދަ އަމަލުތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރައްވާށެވެ.