ads
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް-- ފޮޓޯ: ޓްވިޓާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް އުވާލަން ކޯޓް ތަކާއި ބެހޭގާނޫނަށް އިސްލާހެއް ހުށަހަޅައިފި
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އެވެ.

މަޖިލީހަށް ހުށަހެޅި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލް ފާސްވެ ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ޖެހޭނެ އެވެ. އަދި އެ ކޯޓު އުވާލުމާ އެކު، އެ ތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ އެންމެހައި ކަންކަން 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، އެ ކޯޓުގެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރުމުގެ ކަންކަން ވެސް އެ މުއްދަތުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދީ 2012 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމަކުންނެވެ. ނަމަވެސް، ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ އަވަށަކަށް ވެފައި، މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމުވެފައި ހުއްޓާ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމުން އެ ކޯޓުގެ ސައްހަކަމާ މެދު އޭރު ބޮޑެތި ގާނޫނީ ސުވާލުތަކަކާއި ބަހުސްތަކެއް އުފެދުނެވެ.

ހާއްސަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް ހުޅުމާލޭ ކޯޓަށް ހުށަހެޅުމާ އެކު، އެ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމްކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.

އެ ހުކުމަށް ފަހު ވެސް، މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިހުތިސާސާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިހުތިސާސް ފުށުއަރާ މައްސަލަތައް ތަކުރާރުކޮށް ދިޔައީ ފާހަގަވަމުންނެވެ. ހުޅުމާލޭގައި ހިނގާ ބޮޑެތި ޖިނާއީ އަދި މަދަނީ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު މެޖިސްޓްރޭޓް ކޯޓަކަށް ލިބިފައި ނުވާތީ، އެފަދަ މައްސަލަތައް އަބަދުވެސް ހުށަހަޅަން ޖެހެނީ މާލޭގެ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށެވެ.

މިހާރު ވެސް ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލުކޮށްފައިވާއިރު، ސުޕީރިއާ ހުރިހާ ކޯޓެއް ހިމެނޭ ގޮތަށް އާ ޖުޑީޝަލް އިމާރާތެއް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެހެންކަމުން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލައި، މާލޭގެ ކޯޓުތަކުގެ ޑިވިޒަންތައް ހުޅުމާލޭގައި ހިންގުމަކީ ޝަރުއީ ދާއިރާ ހަރުދަނާކުރުމުގެ މަޝްވަރާތަކުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ދެކެވިފައިވާ ވާހަކައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް