ads
ކަސްޓަމްސް
ކަސްޓަމްސްގެ މާލީ ކަންކަން ފިނޭންސްގެ ދަށަށް ބަދަލުކުރަން ގާނޫނު އިސްލާހު ކުރަނީ
ބަދަލުގެންނަނީ އާމްދަނީ ސިޔާސަތުތައް ހަރުދަނާ ކުރުމަށް
މޯލްޑިވްސް ކަސްޓަމްސް ސާވިސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީއާ ގުޅޭ އެންމެހައި ކަންކަން ހިންގުމުގައި ފިނޭންސް މިނިސްޓްރީގެ ދައުރު ފުޅާކޮށް، ކަސްޓަމްސްގެ ފިސްކަލް މެންޑޭޓު އެ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.

ބިލުގައި ބުނެފައި ވަނީ ބިލުގެ ބޭނުމަކީ ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ބަލައިގަތުމާއި، ހިސާބުކުރުމާއި، ރިޕޯޓްކުރުމުގެ ކަންކަން ހިނގަނީ ދައުލަތުގެ ފިސްކަން ޕޮލިސީ އާއި އެއްގޮތަށްކަން ކަށަަވަރުކުރުން ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ ޤަވާއިދުތައް އެކުލަވާލުމާއި، ކަމާއި ގުޅޭ އިރުޝާދުތަކާއި ސާކިއުލާތައް ނެރުމުގައި މާލީ ކަންކަން ހިންގުމާ ބެހޭ މަސްއޫލުވެރި ވުޒާރާގެ ދަޢުރު ކަނޑައެޅުމަކީ ވެސް މި ބިލުގެ މަގްސަދެއްކަމަށް ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މުދަލުގެ އަގު ކަނޑައެޅުމާ ބެހޭ ގަވާއިދުތައް އެކުލަވައިލުމާއި، އިމްޕޯޓް ޑިއުޓީއާއި އެ ނޫން ވެސް ފީތަކުގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމާއި، ލުއިދިނުމާއި އަދި އިސްތިސްނާ ދިނުމުގެ އެންމެހައި ނިންމުންތައް ނިންމަންވާނީ ވެސް މާލީ ވަޒީރުގެ ލަފައާއި އިރުޝާދުގެ މަތިންނެވެ.

ކުރިއަށް އޮތް އަހަރަށް ލަފާކުރި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓްރު ހަސަން ޒަރީރު ވަނީ، ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒުކުރުމުގެ ގޮތުން ކަސްޓަމްސްގެ މާލީ ޒިންމާތައް އެ ވުޒާރާގެ ބެލުމުގެ ދަށަށް ގެންނަވައި، ކަމާގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަވާނެކަން އިއުލާނު ކުރައްވާފަ އެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ ރައީސް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ކަމަށް ބިލްގައިވެ އެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީއާއި، ބޯޑަރުން ނަގާ ޖީ.އެސް.ޓީ އަދި އެކިއެކި ފީތައް ބަލައިގަތުމުގެ މުހިންމު ޒިންމާއެއް ކަސްޓަމްސްއިން އަދާކުރަމުން އަންނައިރު، މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމީ އެ އިދާރާއަށް ލިބެންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ބަދަލު ގެނައުމަށް ސަރުކާރުން މަޖިލިހަށް އިސްލާހެއް ހުށަހެޅީ ކަސްޓަމަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާތީ އެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ އަހަރުގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމްލަ 461 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް