މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަންސްއިން ދީނާ ގޭބަންދަށް ބަދަލުކުރަން ނިންމީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ، ޖަލު މާހައުލުގައި ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ޑޮކްޓަރުން ދެއްވި ލަފައާ އެއްގޮތަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 27 ގައި ދީނާގެ މައްޗަށް އިއްވީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހުކުމް އިއްވި އަޑުއެހުމުގައި ދީނާގެ ދިފާއީ ވަކީލުން ވަނީ އޭނާއަކީ ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ ފަރާތަކަށް ވުމާއި، ތުއްތު ކުދިންތަކެއް ބަލަހައްޓަމުން އަންނަ އެކަނިވެރި މައަކަށް ވާތީ ސިއްހީ ސަބަބުތަކަށްޓަކައި އަދަބު ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް، ޝަރީޢަތުން އެ ދުވަހު ނިންމެވީ ޖަލުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް ހުރިކަމުގެ އެކަށީގެންވާ މެޑިކަލް ލިޔުމެއް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުރެ ހިންގާފައިވާ މިފަދަ ކޮރަޕްޝަންގެ ކުށްތަކަކީ މުޅި މުޖުތަމައުޢުގެ މަސްލަހަތާ ގުޅިފައިވާ ޖިނާއީ ބޮޑެތި ކުށްތަކަކަށް ވާތީ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް، ހުކުމް ތަންފީޒުކުރަން ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ކަރެކްޝަންސްއިން މިހާރު މިވަނީ އޭނާ ގެއަށް ބަދަލުކޮށްފައެވެ.
ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވީ، 2018 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން، އެއްބަސްވުމުގައި ބަޔާންކުރާ ޕްރޮގްރެސް ރިޕޯޓުތަކާއި ކަމާބެހޭ ޑިޕާޓްމަންޓުގެ ހުއްދަ ނެތި، އަދި މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް ފައިސާ ދޫކުރުމަށް މެމޯ ތައްޔާރުކޮށް ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދުގެ މައްޗަށްވެސް ކުށް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް އޭނާ ވެސް މިވަގުތު ހުންނެވީ ގޭބަންދުގައެވެ.