މިމެސެޖުން ކަށަވަރުވާކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ފޯރިއާއި ކެންޑިޑޭޓުން ވޯޓުހޯދަންކުރަމުންދާ ބުރަ މަސައްކަތެވެ. އަދި ފަންސާހަށްވުރެ ގިނަ ކެންޑިޑޭޓުން، ޕާޓީގެ މާލޭގެ މެންބަރުންނަށް ގުޅުމުން ބައެއް މެންބަރުންވާ އުނދަގުލާއި ތުރާލުގެ ބޮޑުކަމެވެ.
އިންތިޚާބު ކުޑަތަންވެފައިވާއިރު ވޯޓުލާ މީހާގެ ހިތަށް އަރާފާނެ އެއް ސުވާލަކީ 'ވޯޓުދޭންވީ ކާކަށް ހެއްޔެވެ؟' މި ސުވާލުގެ ޖަވާބަކީ ތިމާ އެދޭ ނުވަތަ ތިމާ ބޭނުން ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންނަށް ވޯޓުލުމެވެ. އެއީ ތިމާގެ އަސާސީ އަދި ފަރުދީ ހައްގެކެވެ. ތިމާ ވޯޓުލާނީ ތިމާ ބޭނުން މީހާއަށެވެ. ތިމާ ވޯޓުލާނީ ތިމާ އެންމެ އެދޭ ކެންޑިޑޭޓަށް ނުވަތަ ކެންޑިޓޭޓުންނަށް ކަމުގައިވިޔަސް، އެކަންކަމާމެދަކު ވިސްނައިލުމަކީ ރަނގަޅު ކަމެކެވެ. ތިމާ ވޯޓުދޭން ނިންމާ ނިންމުން ބިނާވާ އަސާސްތަކެއް ނުވަތަ ނުފޫޒުތަކެއްވެއެވެ. އެއީ ބުއްދީގެ ހަމަތަކުން ނިންމާ ނިންމުމާއި ޖަޒުބާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެވެ.
ބައެއް މީހުންގެ ނަޒަރުގައި ގިނަ މީހުން ވޯޓުލާން ނުވަތަ ވޯޓުދޭން ނިންމާ ނިންމުން ބިނާވަނީ ޖަޒުބާތަށް ނުވަތަ އިހުސާސަށެވެ. މިބަހުގެ މާނަޔަކީ ގިނަ މީހުން އެމީހުންގެ ޖަޒުބާތަށް ބުރަވެތިބެ ވޯޓުލުމެވެ. ބުއްދީގެ ތަރާދުން ކިރައިގެން ގައުމަށް ނުވަތަ ޕާޓީއަށް އެންމެ ފައިދާހުރިގޮތަށް ވޯޓުލާ މީހުންނަކީވެސް މަދު ބައެއްނޫނެވެ. އެކަމަކު ގިނަފަހަރު ކުރި ހޯދަނީ ޖަޒުބާތެވެ.
އަޅުގަނޑާ އަޅުގަނޑުގެ އެކުވެރިޔާއާ ދެމެދު ބަދަލުކުރެވުނު ޚިޔާލުތަކެއްގައި އޭނާ ކެންޑިޑޭޓަށް ތާއީދުކުރަނީ އެއީ އޭނާގެ ފޭވަރިޓްކަމަށްވާތީކަން ހާމަކުރިއެވެ. އޭނާ އިތުރަށް ބުނިގޮތުގައި އެއީ ދަރިން ތިބޭ ކޮންމެ މީހަކުވެސް ގަޔާވާ ނުވަތަ ފޭވަރިޓް ދަރިހުންނަ ފަދައިންނެވެ. އޭނާ ބުނިގޮތުގައި ފޭވަރިޓް ދަރިއަށްވަނީ ކޮންމެހެން އެއީ އެންމެ ރަނގަޅު ދަރިއަށްވެގެނެއްނޫނެވެ. އެކަން ހިނގަނީ އެމީހާއަށް އެންމެ ގަޔާވާ ކާނާއާއި ކުލަ އެމީހާ ކަނޑައަޅާ ފަދައިންނެވެ. އެއީ ބުއްދީގެ އަސާސްތަކަށް ރިއާޔަތްކޮށްގެން ނިންމާ ނިންމުންތަކެއްނޫނެވެ. ބައެއް ފަހަރު އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދުކުރެވެނީ މިދެންނެވި ގޮތަށް ވިސްނައި ފިކުރު ނުހިންގައެވެ.
ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަފަދައިން ވޯޓުލާން ނިންމާ ނިންމުމުގައި ފައިދާއާއި ގެއްލުން ހުރެއެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު ފައިދާބޮޑީ ބުއްދީގެ ތިލަފަތުން ވަޒަންކޮށްގެން ވޯޓުދިނުމެވެ. ވިސްނައި ފިކުރުކުރުމަށްފަހު ވޯޓުދޭނެ ކެންޑިޑޭޓެއް ކަނޑައަޅާއިރު މިބަޔާންކުރާ ސުވާލުތަކަށް ޖަވާބުހޯދުމަކީ ބޭނުންތެރިކަމެކެވެ.
ވޯޓުލުމުގައި ބަލަންޖެހޭ އެއްކަމަކީ ތިމާގެ ބުއްދިން ނުވަތަ ސިކުނޑިން ވިސްނުމެވެ. ޖަޒުބާތުގެ ތައައްސުބުން ދުރުވެ ބުއްދި އިސްކުރުމެވެ. ދިވެހިރާއްޖެއާއި އެމްޑީޕީއަށް އެންމެ ރަނގަޅުވާނެ ކެންޑިޑޭޓުކަމަށް ނުވަތަ ކެންޑިޑޭޓުންކަމަށް ތިމާއަށް ފެންނަ މީހުން ނިންމަންވީ ވިސްނުންތެރިކަމާއެކުއެވެ. ކެންޑިޑޭޓުން ވަޒަންކުރާނީ ތިމާ އަމިއްލައަށެވެ. މިކަމުގައި ތިމާއަށްވުރެ ބޮޑަށް ކަންކަން އެނގޭ އަދުލުވެރި ހެޔޮލަފާ މީހުންގެ މަޝްވަރާއަކީ މުހިންމު އެއްޗެކެވެ. ޕާޓީއެއް ރައްޔިތުންގެ މެދުގައި މަގުބޫލު މުއައްސަސާއަކަށްވަނީ ޕާޓީ ހިންގުން ހަރުދަނާވެގެންނެވެ. ޕާޓީ ހިންގުން ހަރުދަނާވުން ބިނާވާނީ ޕާޓީ ހިންގުމުގައި ޒިންމާވާ މެންބަރުންގެ އަމާނާތްތެރިކަމާއި ގާބިލުކަމަށެވެ.
ޕާޓީގެ މަގުބޫލުކަން އިތުރުވާވަރަކަށް ރައްޔިތުންގެ އިތުބާރުބޮޑުވެ ޕާޓީއަށް ސަރުކާރު އުފެއްދުމުގެ ފުރުސަތު ތަނަވަސްވެއެވެ. ތިމާ ވޯޓުދޭނީ ތިމާ އެދޭ މީހާއަށެވެ. ތިމާ ކޮންމެ މީހަކަށް ވޯޓުލީކަމުގައިވިޔަސް، މިއިންތިޚާބުން ނިކުންނަ ނަތީޖާގެ އަސަރުކުޑައެއްނުވާނެއެވެ. އެމްޑީޕީއާއި ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަންވުމުގައި އެ ނަތީޖާގެ އަސަރު މުހިންމު ދައުރެއް ކުޅޭނެކަން ކަށަވަރެވެ.
ފަޔާޒަކީ ލިޔުންތެރިއެއްގެ އިތުރަށް ދާރިސެކެވެ.