ads
ވީއައިއޭގެ ސެކިއުރިޓީ އެމަޖެންސީ އެކްސައިޒްގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފި
ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ކާރިސާއަކަށް އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ބޭއްވި އެއާޕޯޓް ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިއްޔެ ކާމިޔާބީއާއެކު ފުރިހަމަކޮށްފިއެވެ.
Advertisement

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާއި އެމްއޭސީއެލް ގުޅިގެން ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވިއެވެ. މީގެ އިތުރުން ފުލުހުންގެ މުއައްސަސާއާއި، އެއާލައިންތަކާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރ އަދި ބޭރުގެ އެމްބަސީތަކުގެ މަންދޫބުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް މޮނިޓަކުރުމުގައި އަމަލީގޮތުން ބައިވެރިވެފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި މިހާރު އަމަލުކުރަމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި، އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެކުލަވާލާފައިވާ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރ (އެސްއޯޕީ) ތަކުގެ ހަރުދަނާކަން ވަޒަންކުރުމެވެ. ހަމައެއާއެކު، ކަމާގުޅުންހުރި އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިމާވެދާނެ ކޮންމެ ސަލާމަތީ ނުރައްކަލަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ މިންވަރު ކަށަވަރުކުރުމެވެ.

ހަރަކާތް ނިންމާލުމަށްފަހު، އެކަން ދިޔަގޮތް ވަޒަންކުރުމުގެ ގޮތުން ބާއްވާ "ހޮޓްވޮޝް" ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ވީއައިއޭގައި ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކާމިޔާބުވި ކަންކަން ފާހަގަކޮށް، އިތުރަށް އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.

ދަތުރުވެރިންނާއި މުވައްޒަފުންގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމުގައި އެމްއޭސީއެލް އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް