ސްރީލަންކާގެ ނޫހެއް ކަމަށްވާ "އަދަދެރަނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއި ސްރީލަންކާގެ މިނިސްޓާ އޮފް ހެލްތު އެންޑް މާސް މީޑިއާ ޑރ. ނަލިންދަ ޖަޔަތިއްސަ އާއިއެކު، އެ ގައުމުގެ ހެލްތު މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ސިއްހީ ނިޒާމުގެ ތަޖުރިބާ އާއި ފަންނީ މައުލޫމާތު ހިއްސާކުރުމާއި، ސިއްހީ ދާއިރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސް ފޯރުކޮށްދިނުމުގައި އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދައްކަވާފައެވެ. އަދި ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި ސިއްހީ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސްރީލަންކާ ސަރުކާރުން މި ފަހުން ރާއްޖެއަށް ހަދިޔާކުރި ފަސް މިލިއަން ރުޕީސްއަށް ވުރެ އަގުހުރި ޒަރޫރީ ބޭހުގެ ޝިޕްމަންޓް ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ސަރުކާރަށާއި އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެއަށް ސަފީރު މަސްއޫދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި އެހީތެރިކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އިތުބާރުކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ އިތުރުން މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން ހަރުދަނާކުރުމަށް މީޑިއާއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެއިން ލަންކާއި އެކު މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ މި ދަނޑިވަޅަކީ، ރާއްޖޭގައި އާއްމު ޒަރޫރީ ބޭސް ލިބެންނެތްކަމަށް ބުނެ، އާއްމު ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް ބޮޑު ދުވަސްކޮޅެކެވެ. މިކަމާއި ގުޅޭގޮތުން ސްޓޭޓް ފާމާ އިން ވަނީ، ބޭސް ލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެފަރާތުން ގިނަ މަސައްކަތްތަކެއް ކޮށް، ބޭސް ފޯރުކޮށްދޭ ގިނަ ފަރާތްތަކާއެކު އެއްބަސްވުންތަކަށް އާދެވިފައިވާ ކަމަށް ބުނެފައެވެ.