އެ ނޫހުގައި ޝާއިއިކޮށްފައިވާ ރިޕޯޓުގައި ބުނި ގޮތުގައި، އެމެރިކާ ސިފައިންނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތްތަކާ ގުޅުންހުރި ދެ ހާދިސާއެއްގައި، ހުއްދަނެތި ސްޓާލިންކްގެ ހިދުމަތް ބޭނުންކޮށްފައިވާކަން ސްޕޭސްއެކްސްގެ ފަންނީ ޓީމަށް ވަނީ ފާހަގަކުރެވިފައެވެ.
އަދި މި މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިސްވެރިޔާ އީލޮން މަސްކް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ. މީގެއިތުރުން، ސްޓާލިންކްގެ އަސްކަރީ ވަރޝަން ކަމަށްވާ "ސްޓާޝީލްޑް" މެދުވެރިކޮށް އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން އުދުއްސުމަށް ބޭނުންކޮށްފައިވަނީ، އެއްގަމު އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ އަގުހެޔޮ ޕެކޭޖެއް މެދުވެރިކޮށް ކަމަށް ވެސް މަސްކަށް ވަނީ އެނގިވަޑައިގެންފައެވެ.
އީރާނުގެ އަސްކަރިއްޔާއިން މި ހިދުމަތް ބޭނުންކުރި ގޮތުގެ ތަފުސީލުތައް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް އަރުވާފައިވާ ސިއްރު ރިޕޯޓެއްގައި ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނި ނަމަވެސް، އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ އެފަދަ ރިޕޯޓެއް ލިބިފައިވާކަން ދޮގުކޮށްފައެވެ. އަދި މިކަމާ ގުޅޭގޮތުން ސްޕޭސްއެކްސް ކުންފުނިންނާއި އީރާނުގެ ހާރިޖީ ވުޒާރާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނުގައި ސްޓާލިންކްގެ ހިދުމަތް ދިނުމުގެ ރަސްމީ ހުއްދަ ނެތް ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހު އެ ގައުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން އިންޓަނެޓް ކަނޑައިލުމުން، އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ސިއްރިއްޔާތުގައި އެތައް ހާސް ސްޓާލިންކް ޓާމިނަލްތަކެއް އީރާނަށް އެތެރެކޮށްފައިވެއެވެ.
އަދި ފެބުރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން، އީރާނު ސަރުކާރުން ވަނީ އެ ގައުމުގެ އިންޓަނެޓް ހިދުމަތްތަކަށް ވަރަށް ބޮޑަށް ހުރަސްއަޅައި، ހިފެހެއްޓުންތައް ވަރުގަދަކޮށްފައެވެ.