
ކޮންމެއަކަސް ފިލްމީ ދާއިރާއަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މިދަނޑިވަޅުގައި ޓީވީ ތަރިންނަށް ވެސް ވަނީ ބޮޑު ދައްޗަކާއި ކުރިމަތިވެފަ އެވެ.
އެވާހަކަތައް އެންމެ ބޮޑަށް ފެންމަތިވެފައި މިވަނީ ޓީވީ ތަރި، މަންމީތު ގްރެވަލް އަމިއްލައަށް މަރުވި ހަބަރާއެކު އެވެ. އޭނާ މަރުވެފައި ވަނީ ގޭގެ ކުލި ދައްކާނެ ފައިސާ ނުލިބި މީހާގެ ބޯގޮވައިގެން ކަމަށް ނޫސްތަކުން ބުނެ އެވެ.
އެއާއެކު އެތައް ޓީވީ ތަރިންނެއް އަންނަނީ އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުންނެވެ.
އޭގެ ތެރެއިން އެކަކަކީ މަޝްހޫރު ތަރި ނިއާ ޝަރްމާ އެވެ. އިންސްޓަގްރާމު މެދުވެރިކޮށް އެ ވާހަކަ ފަށަމުން ނިއާ ބުނީ މިއީ އާންމުކޮށް ކުރިމަތިވާ ކަމެއް ނަމަވެސް ނުދައްކާ ވާހަކައެއް ކަމަށެވެ.
ނިއާ ބުނީ ތިން ހަތަރު މަސްވެގެންދާއިރު މުސާރަ ނުލިބުމަކީ ދަތި އުނދަގޫ ކަމެއް ކުރިމަތިވާ ކަމެއް ކަމަށާއި އެގޮތުން ތިން ހަތަރު ލައްކަ އަނބުރާ ދައްކާނަމަ އެ ދޭމީހާއަށް ވެސް ދަތިވެދާނެ ކަމަށެވެ. އެކަމަކު 70000 ރުޕީސްގެ ޕޭމަންޓެއް ނުލިބިގެން ޕްރޮޑިއުސަރުގެ އޮފީހަށް ދިއުމުން އެހެން ދުވަހެއްގައި އައުމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނިއާ ބުނީ އޭނާގެ ހައެއްކަ ރައްޓެހިންނަށް އެކަން ކުރިމަތިވެފައިވާ ކަމަށެވެ.
ނިއާ އިތުރަށް ބުނެފައި ވަނީ އާންމުކޮށް ދުވާލެއްގެ މައްޗަށް 16 ގަޑިއިރާއި 22 ގަޑިއިރު އެމީހުން މަސައްކަތް ކުރާ ކަމަށާއި އެހެން ކަމުން އެއަށް ވުރެ ރަނގަޅު ގޮތެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އެއް ފަހަރާއި ތިން ހަތަރު ޝޯގައި އެމީހުން މަސައްކަތް ނުކުރާ ކަމަށާއި އެހެންކަމުން، އެމީހުން އާމްދަނީ ހޯދާނެ ވަކި އިތުރު ގޮތެއް ނޯންނަ ކަމަށެވެ.
އޭގެ އިތުރުން 29 އަހަރުގެ ނިއާ ބުނީ މުސާރަ ލިބުމުގައި ދަތިތަކެއް ހުއްޓަސް ތަރިން އެވާހަކަ ނުދައްކަނީ ޕްރޮޑިއުސަރުންގެ ބާރާއި ނުފޫޒުން ބިރުން ކަމަށެވެ. އެކަމަކު މުމްބާއީ ކަހަލަ ކުލި އަގު ބޮޑު ސިޓީތަކުގައި އުޅޭއިރު އެފަދަ ދަތިތައް ކުރިމަތިވާނެކަން ވަރަށް ރަނގަޅަށް ޕްރޮޑިއުސަރުންނަށް އެނގެންވާނެ ކަމަށް ވެސް ބުންޏެވެ.
ނިއާ އެގޮތަށް ވާހަކަ ދެއްކުމުގެ ކުރިން ޓީވީ އެކްޓަރު ޒާން ހާން ވެސް ވަނީ ޓީވީ ތަރިންގެ އަތްމަތި ވަރަށް ބޮޑަށް ދަތިވެފައިވާތީ އެވާހަކަ ދައްކާފަ އެވެ.
އޭނާ އެވާހަކަ ދެއްކީ ޕްރޮޑިއުސަރުން ޓެގްކުރުމަށް ފަހެވެ. އަދި އެގޮތަށް ކަންކުރުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށާއި އަވަހަށް ފައިސާ ތަރިންނަށް ދިނުމަށް ވަނީ ގޮވާލާފަ އެވެ.
މުސާރަ ނުލިބި ތަރިން ދަތި ހާލުގައި އުޅެމުން އަންނައިރު އެމީހުންގެ އަޑު އެހުމަށް ކަމާއި ބެހޭ ފަރާތްތަކަށް ވެސް ތަރިން ގޮވާލަ އެވެ.