އަށް ގަޑިއިރަށް ވުރެ ގިނައިރު މަަސައްކަތް ކުރުމުން ވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ކަމަށް ބުނެ އެތައް ކަންބޮޑުވުމެއް ފާޅުކުރަމުންދަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ނުގެންނަން ނިންމާފަ އެވެ.
އިތުރުގަޑީގެ ފައިސާ ނުލިބޭތީ ގިނަ ބަޔަކު ސިވިލް ސާވިސް ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކުރަމުންދަނިކޮށް މިއަދު އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް މީޑިއާތަކުން ސަރުކާރުން ހަރަދުކުޑަކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ އެކޮމިޝަނުން ކުރަމުންދާ ކަންތައްތަކެއްކަން ދޭހަވާ ގޮތަށް ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުގައި މަގާމުތަކުގެ އޮނިގަނޑުތައް އެކުލަވާލައި އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް، ނޭޝަނަލް ޕޭ ކޮމިޝަނާ ގުޅިގެން އެ ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ނަރުހުންގެ އޮނިގަނޑެއް އެކުލަވާލުމާއެކު ނޭޝަނަލް ޕޭ ކޮމިޝަނަށް ފޮނުވި، އެ އޮނިގަނޑަށް މުސާރައާއި އެލަވަންސްތައް ކަނޑައަޅައި އެކެއް އޯގަސްޓް 2018 އިން ފެށިގެން އަމަލުކުރަން ފެށިފައިވާ ކަމަށެވެ. އަދި މިހާރުވެސް ހާއްސަ ދާއިރާތަކުގެ ހަތް އޮނިގަނޑެއް (ސިއްހީ ދާއިރާގެ ވަޒީފާގެ އޮނިގަނޑުތައް ވެސް ހިމެނޭގޮތުން) އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށް ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ބުނީ ދައުލަތުގެ ހުރިހާ މަގާމުތައް ހިމެނޭގޮތުން މުސާރައާއި އެލަވަންސްތައް އެއްހަމަކުރެވިފައިވާ އޮނިގަނޑެއް މި އަހަރުތެރޭ އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ކޮމިޝަނުން ހުށަހަޅާފައިވާ އޮނިގަނޑުތަކައި
ގަނޑުތަކަށް ރިއަޔަތްކުރާނެ ކަމަށް ޕޭ ކޮމިޝަނުން ބުނާ ކަމަށެވެ.
ސީއެސްސީގެ ބަޔާނުގައި އިތުރަށް ބުނީ ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތު ގަޑި ކަނޑައެޅުމުގެ ގާނޫނީ ބާރެއް ވެސް އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ކަނޑަޅާ ގޮތެއްގެ މަތިން، ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން، އިތުރުގަޑި ނުހިމެނޭގޮތުން މުވައްޒަފަކު ލައްވައި ހަފްތާއެއްގެ ތެރޭގައި 48 ގަޑިއިރަށް ވުރެ އިތުރުނުވާގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.
އަދި ވަޒީފާއާ ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި މުވައްޒަފަކު ލައްވައި ދުވާލަކު މަސައްކަތްކުރުވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ މިނިސްޓަރަށް ކަމަށާއި، މުވައްޒަފުން މަސައްކަތްކުރަންޖެހޭ ގަޑިއާއި މަސައްކަތްކުރަންޖެހޭ ރަސްމީ ދުވަސްތައް އަބަދުވެސް ކަނޑައަޅަމުން ގެންދާނީ ސަރުކާރުން ކަމަށެވެ.
އެހެންކަމުން، ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން ގޮވާލަ އެވެ.