ads
ފުލުހުން މީހަކު ހުއްޓުވައި ޗެކްކުރަނީ----- ފޮޓޯ: ޕޮލިސް މީޑިއާ
ލޮކްޑައުން އުވާލުމުގެ ދެވަނަ ވިސްނުމަކަށް ދާންޖެހޭ!؟
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބިޔަ ރާޅު ރާއްޖެއަށް ބީއްސަލީ މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ބިރުވެރިކަމުގައި ރާއްޖޭގެ ރިސޯޓުތައް ދުވަސްތައް ހޭދަކުރަމުންދަނިކޮށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ތޮއްޖެހިފައި މިވާ ވެރިރަށް މާލެއިން މީހަކު ޕޮޒިޓިވްވި ހަބަރުވެގެންދިޔައީ ބިރުވެރިކަމާއި ހާސްކަން ގެނައި ހަބަރަކަށެވެ. އެ ހާސްކަމުގައި ފޮށިތަންމަތި ހިފައިގެން މީހުން ރަށްރަށަށް ފުރައިގެން ދިޔައީ މާލެ ދޫކޮށް ދިއުން ރައްކާތެރި ނޫން ކަމަށް ބުނެ ކަމާއި ބެހޭ ފަރާތްތަކުން އާދޭސްކޮށްކޮށް ތިއްބާ އެ އާދޭސްތަކުގައި ކޮޅުފައިން ޖެހުމަށް ފަހެވެ. އޭގެ ނަތީޖާ ވެސް އެހާ ހިއްޗެވެ. އަވަސް އަރުވާލައިގެން ފުރައިގެން ދިޔަ ބޯޓުފަހަރު ރަށްރަށަށް ދިޔަ ފަހުން އޭގެއިން ދަތުރުކުރި މީހުން ޕޮޒިޓިވްވެ އަތޮޅު ތެރެއަށް ވެސް ބަލި ފެތުރިގަތީ އެވެ.

މާލެއިން މީހަކު ޕޮޒިޓިވްވިތާ މާގިނަ އިރުތަކެއް ނުވެ މާލެ ސަރަހައްދު ލޮކްޑައުންކުރި އެވެ. މާލެއަށް އަރައި ފޭބުން މަނާކުރެވުނެވެ. ވަކި ހާއްސަ ހުއްދެއް ލިބިގެން ނޫނީ ބޭރަށް ނިކުތުން މަނާކުރެވި ވިޔަފާރިތަކުން ޑެލިވަރީގެ ހިދުމަތް ދޭން ފެށި އެވެ. ސެލޫންތަކާއި ޖިމްތައް ވެސް ބަންދުކުރެވި މުޅި މާލެ ހުއްޓުމަކަށް ގެނަ އެވެ. 

ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު ދައްކުވައިދޭ ގްރާޕުން ވަރަށް ސާފެވެ. 

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ދެއްކެވި އެ ގްރާފަށް ބަލާލާއިރު އެންމެ ފުރަތަމަ 66 ކޭސްއާ ގުޅިގެން 1869 ކޮންޓެކްޓްވެފައިވާ މަންޒަރު ފެނިގެންދާއިރު ޖެހިގެން އައި 191 މީހަކާއި ކޮންޓެކްޓްވި މީހުންގެ އަދަދު އުޅެނީ 1972 ގަ އެވެ. އޭގެ ފަހުން 300 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ އެމީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު އުޅެނީ 900 އަށް ވުރެ ދަށުގަ އެވެ. އެކަމުން އެކަނި ވެސް ލޮކްޑައުނުގެ ނަތީޖާ ރަނގަޅުކަން އެނގެ އެވެ. 

މީގެ ކުރިން ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ދިވެހިންނަށް ހެދުނު ހުރިހާ ވެސް ގޯހެއް ހެދިފައި އޮތީ މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވްވުމުގެ ކުރިންނެވެ. އޭރު ބޭރަށް ނުދިއުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އެދުމުން ވެސް އެކަމަށް ދިނީ ބީރު ކަންފަތެކެވެ. 

އެކަމަކު މާލެއަށް ގެނައި ލޮކްޑައުނާއެކު އެކަމަށް ކިޔަމަންތެރިވުމުގެ ނަތީޖާއަކީ ލޮކްޑައުނަށް ފަހު ކޮންޓެކްޓްވާ މީހުންގެ އަދަދު ބޮޑު ތަނުން ދަށް ކުރެވުމެވެ. 

މިމަހުގެ 31 ގައި ފުރަތަމަ "ސާޖް" އަށް އަރާނެ ކަމަށް ލަފާކޮށް އެ ދުވަހު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގާތްގަނޑަކަށް 1600 އަށް އަރާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެ އެވެ. އެކަމަކު ލޮކްޑައުނާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ސާޖަށް ދާނެ ކަމަށް ލަފާކުރި ހަފުތާގައި ބަލި ޖެހޭ މީހުންގެ އަދަދު މިވަނީ ބޮޑު ތަނުން ދަށްކުރެވިފަ އެވެ. 

އެއާއެކު މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ލޮކްޑައުނުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެ ނޭވާގައި ރައީސް ވަނީ ރާއްޖޭގެ ލޮކްޑައުންއަށް ލުޔެއް ދޭން ނިންމަވާފައިވާކަން ވެސް އިއުލާން ކުރައްވާފަ އެވެ. 

އެގޮތުން ވިދާޅުވީ ހޮޓާ ރެސްޓޯރަންޓްތައް ހުޅުވާލައި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގައި ވަޒީފާ އަދާކުރަން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށެވެ. 

" މިލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ،" ފިޔަވަހިތަކަކަށް ބަހާލައިގެންދޭ އެ ލުއިތަކާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮންމެއަކަސް އުފެދޭ ސުވާލަކީ މިއީ ހަމަ އެންމެ ރަނގަޅު ނިންމުންތޯ އެވެ. އެންމެ ފަހުން ދަންމާލި ލޮކްޑައުނުގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާއިރު ލުއިތައް ދޭނީ ސީދާ އެ ތާރީހުން ފެށިގެން ކަމެއް ނުވަތަ ނޫންކަަމެއް ވިދާޅެއް ނުވެ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެނީ ލޮކްޑައުނަށް ލުއި ދިނުން ރަނގަޅު ނޫންކަމަށް!

ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންތައް މާ އަވަހަށް އުވާލައިފިނަމަ، އަނެއްކާވެސް ބަލި ފެތުރިގެން ހިނގައިދާނެކަމަށް ވިދާޅުވެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އާދަނަމޯމް ގެބްރެޔޭސަސް ވަނީ ގައުމުތަކަށް އިންޒާރު ދެއްވާފަ އެވެ. 

އެ އިންޒާރަށް ބެލުމެއް ނެތި ގައުމުތަކުން ފިޔަވަޅުތަކަށް ލުއި ދެމުން އަންނައިރު ޓެޑްރޯސް ވަނީ ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލައި މެދު އަދި ދެކުނު އެމެރިކާ އާއި ޔޫރަފް އަދި އެފްރިކާގައި އެބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. 

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއް ދިޔައީ ލޮކްޑައުނަކަށެވެ. އޭގެ ތެރޭގައި ހިމެނޭ، ފްރާންސް އާއި އިޓަލީ އަދި ސްޕްއިންގެ އިތުރުން އީރާނާއި ސައުތު ކޮރެއާ އާއި ނިއުޒިލޭންޑުގެ އިތުރުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަނީ އެގައުމުތަކުގައި އިއުލާންކުރި ލޮކްޑައުނަށް ލުއިތަކެއްދީފަ އެވެ. 

އެގޮތުން ބަލާއިރު އިރާނުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވެ ލޮކްޑައުނަށް ލުޔެއްދިންތާ ހަފުތާއެއް ނުވެ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2000 އިން މައްޗަށް އަރައިގެންދިޔަ އެވެ. އެގައުމަށް މިވަނީ އަލުން ފިޔަވަޅުތައް ހަރުކަށި ކުރަން މަޖްބޫރުވެފަ އެވެ. 

ކޮވިޑް-19 އެންމެ ގިނަ އަދަދަށް ޖެހުނު އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ގައުމުގެ ގޮތުގައި އިޓަލީ އޮތުމަށް ފަހު މިހާރު ވަނީ ހަ ވަނައަށް ވެއްޓިފަ އެވެ. އެއާއެކު އިޓަލީން ވެސް ލޮކްޑައުނަށް ލުޔެއްދޭން ނިންމާފައިވާއިރު އެގައުމުގެ ބޮޑުވަޒީރު، ޖުޒަޕޭ ކޮންޓީ ވަނީ އެއީ "ބޮޑު ރިސްކް" އެއް ކަމަށް ވިދާޅުވެފަ އެވެ. 

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވިޔަސް ލޮކްޑައުނަށް ލުުޔެއްދޭން އެގައުމުގެ ސަރުކާރުން ނިންމި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ވެކްސިނެއް އުފައްދައި ބޭނުންކުރަންދެން ގައުމު ހުއްޓުމެއްގައި ނުބޭއްވޭނެ ކަމަށެވެ. 

ފްރާންސްއަށް ބަލާއިރު އަށް ހަފުތާގެ ލޮކްޑައުނެއްގައި އޮތުމަށް ފަހު އެގައުމުން މިހާރު ވަނީ ލުޔެއްދީފަ އެވެ. އެގޮތުން ފިހާރަތަކާއި ސްކޫލުތައް ހުޅުވިއިރު އޭގެ ފަހުން އެގައުމުގެ ބައެއް ކިޔަވާ ދަރިވަރުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. 

ލުއި ދިނުމާއި މެދު އިތުރަށް ވިސްނަން ޖެހޭ!:

އެއީ ލޮކްޑައުނަށް ލުއިދިން ބައެއް ގައުމުތަކުގެ ހާލަތު ހުރި ގޮތެވެ. ރާއްޖޭގައި ލޮކްޑައުން އިއުލާންކުރިތާ އަދި މިވީ އެއް މަހާއި ހަތް ދުވަހެވެ. ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކަމަށް ދައްކާ މިދަނޑިވަޅުގައި ރާއްޖެއިން ޕޮޒިޓިވްވި މީހަކު ހުރީ މުޖުތަމައުގެ ތެރެއަށް ދޫވެފަ އެވެ. މިއަދާ ހަމައަށް އެ މީހާ ފެނިފައި ނުވާއިރު އާންމުން މަގުތައް ހުޅުވާލުމާއެކު އެ މީހާއާ ބައްދަލުވިޔަސް ނޭނގޭނެ އެވެ. އޭނާގެ ފަރާތުން ބަލި އަރާނީ ކިތައް މީހުންނަށް ކަމެއް ވެސް ނޭނގެ އެވެ.

އަދި ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ވެސް ލޮކްޑައުނަށް ލުއިދިން ގައުމުތަކުގެ ނަތީޖާ ވެސް އެހާ ހިއްޗެވެ. 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅިގެން ސީއެންއެމުން ކުރި ސުވާލުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުނަށް ލުޔެއް ދޭން ނިންމީ ވެސް ވަރަށް ވިސްނާފައި ކަމަށެވެ. އެގޮތުން ހާލަތު ގޯސްވާނަމަ ދެވަނަ ލޮކްޑައުނަކަށް ވެސް ދާނެ ކަމަށެވެ. 

"ލޮކްޑައުނުގެ ހާލަތުން ލުއިތަކެއް ދެވޭއިރުގައި ޕޮޒިޓިވް ކޭސް ފެންނަވަރު އިތުރުވާކަން އެއީ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް ގާތްގަނޑަކަށް ފެންނަ ކަމެއް. އެކަން އަތުން ކައްސާލައިގެން އޮބިނޯންނަވަރަށް އިތުރުވެގެންދަނީތޯ އަޅުގަނޑުމެން ބަލަން ޖެހެނީ. އެހެންވިޔަ ނުދިނުމަށް ރޭވިފައި ހުންނަ ރޭވުންތައް ފޭޒް އެކެއްގައި ވެސް ރޭވިފައި ހުންނާނީ،" މަބްރޫކް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ލޮކްޑައުންގައި ލިބޭ ރައްކާތެރިކަމާއި ހިމާޔަތް ލޮކްޑައުން ދޫކޮށްލުމުން ނުލިބޭނެ ކަމަށެވެ. ލޮކްޑައުން ނިންމާތަނުން މައިނާ ސާޖް އެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ. 

ކޮންމެއަކަސް ލޮކްޑައުނަށް ލުޔެއްދޭން ރާއްޖެއިން ހިފާފައި ހުރިއިރު އެ ނިންމުމަކީ އެޅޭ ޅަ ފިޔަވަޅަކަށް ވެގެން ނުވާނެ އެވެ. އިގްތިސޯދަށްވާ ގެއްލުމަށް ބަލައި އަވަސް އަރުވާލައިގެން ލޮކްޑައުންއަށް ލުޔެއްދީފިނަމަ އިގްތިސޯދަށް ލިބޭ ގެއްލުން ބޮޑުވެފައި އެ ބަލި އިތުރަށް ފެތުރި ރައްޔިތުން ވެސް އޭގެ އަގު ދައްކަން ޖެހިދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް