
މީގެ ދުވަސްކޮޅެއް ކުރިން އިރުފާނުގެ ފާމްހައުސް ހުންނަ އެ ސަރަހައްދަށް ވަނީ "ހީރޯ ޗީ ވަދީ" ނުވަތަ ހީރޯގެ އަވަށުގެ ނަން، އެ ސަރަހައްދުގައި އުޅޭ މީހުން ދީފަ އެވެ. އެގޮތަށް އެކަން ކޮށްފައި ވަނީ މަރުވަދެން އިރުފާން އެމީހުންނަށް ކޮށްދިން މަސައްކަތް ފާހަގަކުރުމުގެ ގޮތުންނެވެ.
އިއްޔެ އިރުފާންގެ އެންމެ ދޮށީ ދަރިފުޅު ބަބިލް އިންސްޓަގްރާމު މެދުވެރިކޮށް ފޮޓޯތަކެއް ހިއްސާކޮށް ބުނީ އިރުފާން، ފާމްހައުސްއަށް ދިއުމާއެކު ކިޔަވާ ކުދިންނާއި އެކުދިންގެ ޕްރިންސިޕަލް އެތަނަށްދާ ކަމަށެވެ. އެގޮތުން އެމީހުންނާއެކު ވަގުތު ހޭދަކުރަން އޭނާއަށް ކަމުދަނީ އެވެ.
އެފޮޓޯތަކުން ވެސް ފެންނަނީ އެކުދިންނާއި އިރްފާން ބައްދަލުކޮށް ވާހަކަ ދައްކާ މަންޒަރެވެ. އޭނާގެ މޫނު މަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފެނެ އެވެ.
އިންޑިއާގެ މަހަރަޝްތްރާގެ އިގަތުޕޫރީގައި އިފްރާންގެ ފާމް ހައުސް ހުންނައިރު އޭނާ ވަނީ ވަރަށް ގިނަ ގޮތްގޮތުން އެތަނަށް އެހީވެފަ އެވެ.
އެގޮތުން އިރްފާން ވަނީ އެ ސަރަހައްދަށް އެމްބިއުލާންސްއަކާއި ކޮމްޕިއުޓަރުތަކެއް އަދި ފޮތާއި ވިއްސާރަ ކޯޓު ފަދަ ތަކެތި ވެސް ހަދިޔާކޮށްފައެވެ.
އޭގެ އިތުރުން ވެސް ވަރަށް ގިނަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މީހަކު އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިރުފާން ނޫނެކޭ ނުބުނާކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
"މަދުން ނޫނީ ނުފެންނަ" ކެންސަރު ބައްޔެއްގެ ޝިކާރައަށްވިކަން އިރްފާން ހާމަކުރީ 2018 ވަނަ އަހަރު އެވެ. ދެ އަހަރު ދުވަހު ކެންސަރަށް ފަރުވާ ކުރުމުގައި އުޅުނުއިރު އޭނާ ވަނީ އެމުއްދަތުގައި ފިލްމީ ދާއިރާއާ ވެސް ދުރަށް ޖެހިލާފަ އެވެ.
އިރްފާން މަރުވެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ހުންނަ ކޮކިލާބޭން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
ދެ އަހަރު ދުވަހަށް ފިލްމީ ދާއިރާއާ ދުރަށް ޖެހިލިއިރު އޭނާ އެނބުރި އައިސް ސަޕޯޓަރުންނާއި ބައްދަލުކުރިތާ އަދި މާ ދުވަހެއް ނުވެ އެވެ. މިދިޔަ މާޗު މަހުގެ 20 ގައި ނެރުނު ފިލްމު "އަނގްރޭސީ މީޑިއަމް" އިން އުމުރުން 53 އަހަރުގެ އިރްފާން އެންމެ ފަހުން ފެނިގެންދިޔައިރު އެ ފިލްމަކީ ކާމިޔާބު ފިލްމެކެވެ.