ޗައިނާ އަދި އެމެރިކާގެ ގުޅުމަކީ އަބަދުވެސް ލޮޅުން ތަކެއްގެ މަތީގައިވާ ގުޅުމެކެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސް ފެންމަތިވީއްސުރެ އެ ގުޅުން ވަނީ އިތުރަށް ހީނަރުވެފަ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅޭ ކަންތައްތަކެއް ސިއްރު ކޮށްފައިވާ ކަމަށް ބުނެ އެމެރިކާ އިން ވަނީ ޗައިނާ އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރިފައިވާއިރު އެ ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ވުހާން ސިޓީ އިން ނެވެ. އަދި ވައިރަސް އުފެދިގެން އައި ގޮތާއި މެދު އެމެރިކާ އަދި ބައެއް ގައުމު ތަކުން ސުވާލު އުފައްދަމުންދާއިރު އެ ވައިރަހަކީ ޗައިނާގެ ލެބަކުން އުފައްދާފައިވާ ވައިރަހެއް ކަމުގެ ހެކި ފެންނަން އެބަ ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި ކޮވިޑް-19 އާ ބެހޭ މުހިންމު މައުލޫމާތުތައް ޗައިނާއިން ސިއްރުކޮށް ވައިރަހާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު އެ ގައުމުން ދީފައިވާ ކަމަށް ބުނެ އެމެރިކާ އިން ވަނީ ޗައިނާ އަށް އިތުރު ތުހުމަތުތަކެއް ކޮށްފަ އެވެ.
އޭގެ އިތުރުން، ޗައިނާގެ 33 ކުންފުންޏަކާއި މުއައްސަސާއެއް އެމެރިކާގެ އިގުތިސޯދީ ބްލެކްލިސްޓަށް ލުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ޑިޕާޓްމެންޓް އޮފް ކޮމާސް އިން ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފަ އެވެ. އެ ކުންފުނިތަކާއި މުއައްސަސާތައް އެ ލިސްޓުގައި ހިމަނާފައިވަނީ ޗައިނާގެ ސަރުކާރަށް އީގާ މުސްލިމުންނަށް ޖާސޫސުކޮށްދިން ކަމަށާއި އެ ގައުމުގެ ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން ޕްރޮގްރާމުތަކާއި އަސްކަރިއްޔާ އާ ގުޅުން އޮތް ކަމަށް ތުހުމަތު ކޮށްފަ އެވެ.
ޗައިނާއިން އެ ގައުމުގެ މުސްލިމުންނާއި މެދު ކަންތައް ކުރާ ގޮތާއި، އެ ގައުމުގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމާ ގުޅިގެން އެ ގައުމަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާއިން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ޗައިނާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް ހޮންކޮންގްގައި ތަންފީޒް ކުރުމަށް ޗައިނާ ސަރުކާރުން ނިންމި ދުވަހު އެވެ.
ޗައިނާއިން ތަންފީޒު ކުރުމަށް ނިންމާއިފައިވާ ގައުމީ ސަލާމަތާ ބެހޭ ބިލާއި ދެކޮޅަށް ހޮންކޮންގުގެ އެތައް ސަތޭކަ ބަޔަކު ނުކުމެ މުޒާހަރާ ކޮށްފައިވެއެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެ ގާނޫނަކީ ހޮންކޮންގްގެ ޑިމޮކްރަސީ ހީނަރުވާނެ ގޮތަކަށް އޮތް ބިލެއް ކަމަށެވެ.
ކޮވިޑް-19 ގެ އިތުރުން، ޗައިނާ-ހޮންގްކޮންގް މައްސަލަ އާ ގުޅިގެން އެމެރިކާ އަދި ޗައިނާގެ ގުޅުން ކުރިއަށް ވުރެ ވެސް ބޮޑަށް ވަނީ ހީނަރުވެފަ އެވެ. އެގޮތުން، އެމެރިކާގެ ސިޔާސީ ބާރުތަކުން ޗައިނާ އަދި އެމެރިކާގެ ގުޅުމުގެ ބާރުގައިވާ މީހުން ހައްޔަރު ކުރަމުންދާ ކަމުގެ ހަބަރުތައް އެ ގައުމަށް ލިބިފައިވާ ކަމަށް ޗައިނާގެ ފޮރީން މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާއި ގުޅިގެން އެ ދެ ގައުމު މިހާރު އޮތީ އާ ފިނި ހަނގުރާމައެއްގެ ކޮޅުމަތީގައި ކަމަށް ވިދާޅުވި އެވެ.