ads
މީހަކު މާސްކެއް އަޅައިގެން-- ފޮޓޯ: ސީއެންއެމް
ފަހާތަންތަނުން މާސްކަށް އޮންލައިންކޮށް އޯޑަރު ދެވޭ ގޮތް ހަދަނީ
ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އަޅައިގެން ބޭރަށް ނިކުތުމަށް ކަމާއި ބެހޭ ފަރާތްތަކުން އިރުޝާދުދީފައިވާ މިދަނޑިވަޅުގައި ފަހާތަންތަނުން މާސްކަށް އޮންލައިންކޮށް އޯޑަރު ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، އައިޝަތު ސާމިޔާ ވިދާޅުވީ ބޭރަށް ނިކުންނައިރު މާސްކް އެޅުން ވަރަށް މުހިއްމު ކަމަށާއި މިއަދު ވެސް ފޮތި މާސްކް އެޅުމާއި ގުޅިގެން މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ. 

އެގޮތުން ގިނަ ބަޔަކު ފޮތި މާސްކް އަޅަމުން އަންނައިރު ފޮތިން މާސްކް ފެހުމަށް އޮންލައިންކޮށް އޯޑާ ނެގޭނެ އިންތިޒާމުތަކެއް ހަމަޖައްސަވަމުން އަންނަ ކަމަށާއި އަދި އެތަކެތި ރައްޔިތުންނާއި ހަމައަށް ޑެލިވާކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. 

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހީމް އަފްޒަލް ވަނީ މާސްކުގައި ހުންނަން ޖެހޭ މިންގަނޑުތައް ވެސް އާންމުކޮށްފަ އެވެ. 

އެގޮތުން ޑރ. އަފްޒަލް ވިދާޅުވީ، މާސްކުގައި މަދުވެގެން ދެ ލޭޔާ ނުވަތަ ތިން ލޭޔާ ހުންނަން ޖެހޭނެ ކަމަށެވެ. އަދި ދެމޭ ފޮތުން ހަދާފައިވާ މާސްކު އެހާ ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން، މާސްކުން ނޭފަތާ އަނގަޔާ ރަނގަޅައް ފޮރުވެންޖެހޭނެ ކަމަށާއި މާސްކު ހުންނަންޖެހޭނީ ބާރުކޮށް މޫނަށް ފިޓުކޮށް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ފިޓޫ ކޮށް މާސްކު ހުރި ކަމުގައިވީ ނަމަވެސް މާސްކު އަޅާފަ ހުންނައިރު ފަސޭހައިން ނޭވާލެވެންޖެހޭނެ ކަމަށެ ވެސް ވަނީ ވިދާޅުވެފަ އެވެ.

"މާސްކުން ނޭފަތާ އަނގަޔާ ރަނގަޅައް ފޮރުވެންޖެހޭނެ. މާސްކު ހުންނަންޖެހޭނީ ބާރުކޮށް މޫނަށް ފިޓުކޮށް. މާސްކެއްގަ މަދުވެގެން ދެ ލޭޔާ ނުވަތަ ތިން ލޭޔާ ހުންނަންޖެހޭނެ. މާސްކު އަޅާފަ ހުންނައިރު ފަސޭހައިން ނޭވާލެވެންޖެހޭނެ. ދެމޭ ފޮތިން ހަދާ މާސްކު ރަނގަޅެއް ނޫން. މާސްކު އެޅީމަ އެ ހިސާބުން ނިމުނުކަމަށް ވިސްނަައިގެން ނުވާނެ. އޭގެ އިތުރުން ގިނަގިނައިން ސާބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަން ކުރަންޖެހޭނެ." ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖެއަށް އިމްޕޯޓުކުރާ މާސްކާއި ސެނިޓައިޒާ އަދި ސައިބޯންޏާއި ޑިސްއިންފެކްޓު ކުރާ ސާމާނުގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ ކަނޑާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް