ads
ސުޕްރީމް ކޯޓު--- ފޮޓޯ: ސީއެންއެމް
ސުޕްރީމް ކޯޓުގެ ލަފާ: "ހުރިހާ ފަރާތެއް ރުއްސަން ދެވޭނެ ކަހަލަ ތުން މެޓައެއް"
ކޮވިޑް-19 އާއި ގުޅިގެން ދިމާވި ހާލަތާއި އެކު ކުރިމަތިވި ކަންކަމުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބުގެ މައްސަލައާއި ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައަކީ ކުޑަ މައްސަލައެކޭ ދެންނެވޭކަށް ނެތެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިއޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ އިންތިހާބަށް ނުހަނު ކުޑަތަން ވެފައިވަނިކޮށެވެ. ވާދަ ކުރާނޭ ކެނޑިޑޭޓުން ކަނޑައަޅާ ގުރުލާ ކެމްޕެއިންތައް އެންމެ ފޯރީގައި ކުރިއަށް ދަނިކޮށެވެ. ދިމާވި ހާލަތަކީ އެއްވެސް ވަރަކަށް ހީކޮށްގެން ތިބި ހާލަތެއް ނޫނެވެ. އެހެން ނަމަވެސް ކައުންސިލް އިންތިހާބު ފަސްކުރުމަށް ނިންމާ އެކަމަށް ހައްލު ހޯދީ ސަރުކާރުން ހުށަހެޅި ބިލާއި އެކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. 

އިންތިހާބު ފަސްކުރުމަށްފަހު ކުރިމަތިވީ "ބޮޑު ރާޅަކީ" އިންތިހާބު ބޭއްވުމާއި ހަމައަށް އަމަލުކުރާނެ ގޮތަކާއި މެދު، ނުވަތަ ގާނޫނީ ހުސްކަމަކަށް ނުގޮސް ރަށްތައް ހިންގުމާ މެދު ދިމާވި މައްސަލައެވެ. 

ދެބަސްވުން ބޮޑުވި، ބަހުސް ގިނަވި އަދި ކޯޅުން އިތުރުވި ކަމަކަށް މި މައްސަލަ ވިއެވެ. ކަން ނިމިގެން މިދަނީ ތިން ބާރުގެ ލަފަ އާއި މަޝްވަރާއާ އެކު އެންމެ ރަނގަޅަށޭ ދެންނެވޭނެއެވެ. 

ދައުރާ މެދު ސަރުކާރުގެ ހުށަހެޅުން:

ކައުންސިލް އިންތިހާބު ފަސްކުރުމާއި އެކު އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ސަރުކާރުން ހުށަހެޅީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ. އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް މެދުވެރިކޮށް ގާނޫނު އަަސާސީއަށް އިސްލާހު ގެނައުމަށް ބިލް ހުށަހެޅިއެވެ. 

ސަރުކާރުގެ ދައުވާ އަކަށްވީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތަކަށް ވުރެ އިތުރަށް އިންތިހާބީ މަގާމެއްގައި ބަޔަކު ބައިތިއްބާ ނަމަ ގާނޫނު އަސާސީއަށް އިސްލާހު ގެންނަޖެހޭނެ ކަމަށެވެ. 

ދައުރާ މެދު މަޖިލީހުގެ ހުށަހެޅުން:

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ސަރުކާރުގެ ހުށަހެޅުމާ އެއްގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހަކުން ނުރުހުނެވެ. މަޖިލީހަށް ފެނުނު ގޮތުގައި ރާއްޖެ މިހާރު މިއޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަކީ މިކަމަށް ހައްލެއް ނޫނެވެ. 

ހައްލު ހޯދުމަށް މަޖިލީހުން ހުށަހެޅީ ސަންސެޓް ގާނޫނެކެވެ. ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް އެ ބިލް ޑްރާފްޓް ކުރައްވާ މަޖިލީހަށް ހުށަހެޅުއްވުމުން އެ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިޔައެވެ. 

މިބިލުގެ މަސައްކަތް ކުރިއަށް ގޮސް ކޮމިޓީ މަރުހަލާގައި އެކި ފަރާތްތަކުގެ ލަފާ ހޯދުމުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވެސް އަދި ބަންޑާރަ ނައިބުގެ ވެސް ރައުޔަކަށްވީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތެއް ވަކި ގާނޫނަކުން ބަދަލުނުކުރެވޭނެކަމަށެވެ. 

މިހާހިސާބުން ސަރުކާރުން ހުށަހެޅި ގާނޫނު އަސާސީގެ އިސްލާހުގެ މަސައްކަތް ފެށިއެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުން ދެގޮތަކަށް މިކަމުގައި ކަން ނިންމުމަށް ބޭނުންވީ އެވެ. މިކަމުގައި އޮތް އެންމެ ރިވެތި އުސޫލަކީ މަޝްވަރާ ކުރުން ކަމަށް ވީއިރު މަޖިލީހުން ނިންމީ މިކަމުގައި ދައުލަތުގެ ތިން ވަނަ ބާރު ކަމުގައިވާ ޝަރުއީ ދާއިރާގެ މައިކޯޓު، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށެވެ. 

ދައުރާ މެދު ސުޕްރީމް ކޯޓުގެ ހުށަހެޅުން:

ގާނޫނު އަސާސިއަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމާ އެކު ސުޕްރީމް ކޯޓުން މިމައްސަލައިގައި އެކޯޓުން ދެކޭގޮތް ހާމަކުރި އެވެ. 

ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިހާރު ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަދަލުގައި އެ ބިލު ނުވަތަ އެނޫން ވެެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށް ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތައް އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.  

މިކަމުގައި ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު މަގާމުގައި ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަ އިބާރާތުން ބަޔާންކޮށްގެން މެނުވީ، މިކަމުގައި ދިމާވާ ގާނޫނީ ހުސްކަން ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަކަމަށެވެ.  

ސުޕްރީމް ކޯޓުގެ ލަފާ އައީ ހުރިހާ ފަރާތްތަކެއް ރުހޭ ގޮތަށް!

ސުޕްރީމް ކޯޓުގެ މި ލަފައާ އެކު މަޖިލީހުން އަވަސްވެ ގަތީ މި ކަމުގައި ގޮތެއް ނިންމުމަށެވެ. މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން ދައުލަތުގެ ތިން ބާރުގެ ރައުޔުވެސް މިކަމުގައި ސާފުވީ އެވެ.

މަޖިލީހުން މިސްރާބު ޖެހީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ސުޕްރީމް ކޯޓުގެ ލަފައަށް ފެއްތުމަށެވެ. އެކަމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިކަމުގައި މަޖިލީހަށް ހުށަހަޅާ ހުށަހެޅުމަށް ބަންޑާރަ ނައިބުވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. 

ސުޕްރީމް ކޯޓުގެ ލަފައަށް ފައްތާ ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު، ބަދަލުކޮށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ އެވެ. އަދި ހަމައެއާ އެކު މެމްބަރު ހަސަން ލަތިފްގެ ބިލުވެސް ކޮމިޓީން އިސްލާހު ކޮށް ފާސްކޮށްފައިވަނީ އިންތިހާބު ބޭއްވެންދެން ކައުންސިލަރުން ދެމިތިބޭ މުއްދަތުގައި އަމަލުކުރާނެ ގޮތުގެ މައްޗަށެވެ. 

ސުޕްރީމް ކޯޓުން ނެރުނު ލަފަޔާއެކު ސަރުކާރުގެ ހުށަހެޅުމާއި މަޖިލީހުގެ ހުށަހެޅުން ގުޅުވައިގެން މިކަމުގައި ހައްލު ނެރެވުނީއެވެ.

މިމައްސަލައިގައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުން ވިދާޅުވި ތެދުފުޅެކެވެ. ސުޕްރީމް ކޯޓުގެ ލަފައަކީ ހުރިހާ ފަރާތްތަކެއް ރުއްސާލަން ދެވޭނެ ކަހަލަ "ތުން މެޓައެއް" ނުވަތަ "ދެމިޔަލީ ކަނޑި"އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް