ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު އަލީ ރަމްޒީ ވިދާޅުވީ އެރަށު ހުރިހާ ގެއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކައި ދީފައިވަނީ މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާކަމަށާއި އެގޮތުން މީހުން ދިރިއުޅޭ 87 ގެއެއްގެ ބިލް ދައްކައިދީފައިވާ ކަމަށެވެ. އެހެންކަމުން ރަށު ރައްޔިތުންގެ ނަމުގައި މެމްބަރަށް ޝުކުރު ދަންނަވާކަމަށް ވެސް ރަމްޒީގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ނަރުދޫ 34 ދުވަހު ފުރަބަންދުގައި ބޭއްވުމަށް ފަހު ރޭގެ ވަގުތެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ވަނީ އެރަށް އާންމު ހާލަތަށް ބަދަލުކުރިކަން އަންގާފައެވެ. ނަމަވެސް އޭގެ ކުރިން ރަށް ބަންދުކުރެވިފައި އޮތުމުން އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އަތޮޅުގެ އެކި ރައްތަކުގެ ރައްޔިތުންގެ އެހީތެރިކަން ލިބުނެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މިލަންދޫ ދާއިރާ މެމްބަރު ރިޒާ ވިދާޅުވީ ދުނިޔެއަށް ކޮވިޑް-19ގެ ސަަބަބުން ދިމާވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ އަސަރު ރާއްޖެއަށްވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިލަންދޫ ދާއިރާއަށް ނިސްބަތްވާ ނަރުދޫގެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްމުމާއެކު އެރަށް ފުރަބަންދުކޮށް ދަތި އުނގަދޫތަކާއި ތަހައްމަލްކޮށްފައިވާ ކަމަށެވެ.
އެެހެންކަމުން ނަރުދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިހާލުގައި އެންމެ ކައިރިން މަސައްކަތް ކުރަންޖެހޭ މީހެއްގެ ހައިސިއްޔަތުން އެހީތެރިވުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރިޒާ ފާހަގަކުރެއްވި އެވެ.
ނަރުދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 11 މީހުންނެވެ. އެހެންކަމުން ފުރަބަންދުގެ ދުވަސްވަރު އެރަށު ރައްިޔިތުންނަށް އަސާސީ ހިދުމަތް ލިބުމުގައި ދަތިތަކާ ކުރުމަތިވެވެފައިވާއިރު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަނުޖެހި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރި ވަނީ މަރުވެފައެވެ.